އެމްއައިބީގެ އޭޓީއެމްއެއް: އެ ބޭންކުން ފުރަތަމަ ހަ މަހު ވަނީ މާލީ ބޮޑު ކުރިއެރުމެއް ހޯދާފައި --- ފޮޓޯ/އެމްއައިބީ
31 ޖުލައި 2025 - 15:37
މި އަހަރުގެ ފުރަތަމަ ހަ މަހު ވިޔަފާރީގެ މުހިންމު ދާއިރާތަކުން އެމްއައިބީއަށް ބޮޑު ކުރިއެރުމެއް ލިބި، ކުންފުނީގެ ފައިދާ އިތުރުވެއްޖެ އެވެ.
އެމްއައިބީއިން ނެރުނު ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް 183 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 135 މިލިއަން ރުފިޔާ ލިބުނެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 10 ޕަސެންޓުގެ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 419 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ހަ މަހަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއައިބީގެ ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސް، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ބޭންކުގެ އެސެޓް ވެލިއު 12 ބިލިއަން ރުފިޔާގައި ހުރިއިރު، ދެވަނަ ކުއާޓާގައި އެ އަދަދު 13 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 10 ބިލިއަން ރުފިޔާގައި ހުރި ޑިޕޮސިޓް، މިދިޔަ ކުއާޓަރުގައި ވަނީ 11 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރު ނިމުނުއިރު 6 ބިލިއަން ރުފިޔާގެ ފައިނޭންސް އެ ބޭންކުން ކޮށްދީފައިވެ އެވެ.
ދެވަނަ ކުއާޓަރުގައި އެ ބޭންކުން ވަނީ އެހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން އެ ބޭންކުގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން މުއާމަލާތްތަކުގެ އަދަދު 12 މިލިއަނުން 15 މިލިއަނަށް އިތުރުވެފައި ވާއިރު، ކާޑުގެ މުއާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވެފައިވެ އެވެ.
އެމްއައިބީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ލިބުނެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރަށް އެ ބޭންކަކީ ރާއްޖޭގެ އެންމެ ޒަމާނީ ބޭންކިން ހިދުމަތެއް ދޭ އެއް ބެންކެވެ. އަދި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އެ ބޭންކުގެ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް ރިކުއެސްޓް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނާމް
02 August 2025
އެމްއައިބީގެ ކަސްޓަމަރ ސާރވިސް ރަގަޅު ނަމަ އަހަރެންވެސް އެމްއައިބީއަށް ބަދަލުވާނަން. އެކަމަކު މެއިލެއްގެ ޖަވާބު ނުލިބޭ އެއްމަސް ވާއިރުވެސް
ޓާޓާ
01 August 2025
ބީއެމްއެލް ދެން ލަލަލާ..
އިހްސާސް
31 July 2025
ރަގަޅު އެއްޗެއް މިފަހަރު ދޭނަންދެއްތޯ؟
ބޒވޒޗ
31 July 2025
ތިކަމާ ދެރަވާ ބަޔަކު ވަރަށް އެބަފެނޭ. އެމީހުން ބުނާކަހަލަ ނަމަނަމަ ތިދިމާޔަށް މީހުންދިޔަދީގެން ނުވާނޭ