މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި 111.46 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެމްއައިބީ އިން ބުނީ، އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ގާތްގަނޑަކަށް 16 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.

ދެވަނަ ކުއާޓާ ނިމުނު އިރު އެމްއައިބީގެ ޖުމްލަ އެސެޓް 19 ބިލިއަން ރުފިޔާ އަށް އަރާފައިވެ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 44 ޕަސެންޓްގެ ކުރިއެރުމެކެވެ. 

މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިއަން ރުފިޔާ އެމްއައިބީ އަށް ލިިބިފައިވާއިރު އެއީ ކުރީ ކުއާޓާއަށް ވުރެ ހަތަރު ޕަސެންޓްގެ އިތުރުވުމެކެވެ.

އެމްއައިބީ އަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި އަދަދު ވެސް ވަނީ ފަސް ޕަސެންޓަށް އިތުރުވެ 16 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 43 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެ ބޭންކަށް 284 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ދެވަނަ ކުއާޓާއަށް ވުރެ 32 ޕަސެންޓު އިތުރު އަދަދެކެވެ. 

އެމްއައިބީ އިން ބުނީ، އާމްދަނީ އިތުރުވެ، އެ ބޭންކުގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ކަސްޓަމަރުންގެ އިތުބާރު ބޮޑުވުމުން ކަމަށެވެ.