އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
07 އޮކްޓޯބަރ 2025 - 12:14
އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓަށް ވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އޮފީހުގެ ބަޖެޓު ބޮޑުވި އެއް ސަބަބަކީ، އެ އޮފީހުގެ ބައެއް ޑިޕާޓްމެންޓްތަކަށް ސީނިއާ އޮޑިޓަރުން ނަގަން ޖެހޭތީ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 114 މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުން ބުނީ، އެކުންފުނީގައި 22 ޔުނިޓް މަސައްކަތް ކުރާއިރު ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ، ސީނިއާ އޮޑިޓަރެއް ނުވަތަ ޑިޕާޓްމެންޓް ހެޑުން ނެތި ކަމަށެވެ. އެހެންވެ، އަންނަ އަހަރު އެ މަގާމުތަކަށް މުވައްޒަފުން އައްޔަނު ކުރުމުން ބަޖެޓް އިތުރުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
"ޕީއެސްއައިޕީގައި މިއަންނަ އަހަރަށް ބަޖެޓުކޮށްފައި މިއޮތީ 41.5 މިލިއަން. މިހާތަނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންގެ ބަޖެޓުން ހަރަދުވެފައި އޮންނާނީ 65.68 މިލިއަން ރުފިޔާ. އަޅުގަނޑުމެންގެ މަސައްކަތްތައް ދާ ގޮތުން މިއަންނަ އަހަރު މާޗްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓިމޭޓްކޮށްފައި މިވަނީ،" އޮޑިޓް އޮފީހުން ބުންޏެވެ.
ޕީއެސްއައިޕީގެ ތެރޭގައި ހިމެނެނީ، މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ ދަށުން އެމްޓީސީސީއަށް ދައްކަން ޖެހޭ 35 މިލިއަން ރުފިޔާ އާއި އާ އޮފީހަށް ބޭނުންވާ ފަރުނީޗަރު ހޯދުން ކަމަށެވެ. އެކަމަށް ވެސް 6.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު އެ އޮފީހުން 81 އޮޑިޓެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފައިނޭންޝަން އޮޑިޓާއި ކޮމްޕްލަޔަންސް އާއި ޕާފޯމަންސް އޮޑިޓްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޕެޝަން އޮޑިޓްގެ ތެރޭގައި ހިމެނޭ ނުވަ އޮޑިޓަކާއި ސަރުކާރުގެ ފިސްކަލް ހާލަތު ބެލުމަށް އަށް އޮޑިޓެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އެ އޮފީހުގެ މެންޑޭޓާ ބަލާއިރު އަދިވެސް އެ އޮފީހުގައި މަސައްކަތް ކުރާ އޮޑިޓަރުންގެ އަދަދު މަދު ކަމަށެވެ. އެ އޮފީހުގެ މިވަގުތު 170 މުވައްޒަފުން މަސައްކަތް ކުރާ އިރު އޭގެ ތެރެއިން އޮޑިޓަރުންނަކީ 150 އެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިބަދަލީ މުވައްޒަފުން އިތުރު ނުކޮށް އެފިޝަންސީ ރަނގަޅުކޮށްގެން ކަންކަން ކުރުމަށް. އިމާރާތަކީ، މިހާރުގެ ބޭނުންތައް ފުދޭވަރަކަށް ނޫން. ކުރިއަށް އޮތް 50 އަހަރަށް ވެސް މުވައްޒަފުން އިތުރުވިޔަސް ގާތްގަނޑަކަށް 280 އަށް އިތުރުވިޔަސް އެއަށް ކޭޓާ ކުރެވޭނެ މިންވަރަށް ޑިޒައިން ކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ އާ އޮފީސް އިމާރާތުގައި މިވަގުތު އޮފީސް ހިންގުމަށް ބޭނުންވާ ވަރަށް ވުރެ ޖާގަ ބޮޑުވާނެ ކަމަށާއި އެހެންވެ ވިސްނުމަކީ ދައުލަތުގެ އެހެން އޮފީސްތައް ހިންގުމަށް ވެސް ޖާގަ ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓް އޮފީސް މިހާރު ހިންގުމަށް ކުއްޔަށް ވަރަށް ބޮޑު ހަރަދެއް ހިނގާއިރު، އާ އޮފީހާ އެކު އެކަމުގެ ހަރަދު ކުޑަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްޓިމޭޓަކީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ތެރޭގައި ލިބޭ ސޭވިންގެ ތެރެއިން ވެސް އިމާރާތައް ދާ ހަރަދު ރިކަވާ ވާނެ ކަމަށް. މަސައްކަތުގެ ސްޕީޑު ވެސް މިދަނީ އިތުރު ކުރަމުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސްްް
07 October 2025
ނިޔާޒީ ބޭރު ދަތުރުތަކަށްބާ މިހާ ބޮޑު ބަޖެޓެއް މިހުށަހެޅީ؟
އޮޑިޓުކުރޭ
07 October 2025
އޮޑިޓް އޮފީސްވެސް އޮޑިޓްކުރަން އެބަ ޖެހޭ. ކަނޑައެޅިގެން ދޮގު މައުލޫމާތު ދޭތީ. އިދާރީ އޮނިގަނޑުގައި ޑިޕާޓްމަންޓް ހެޑުންނަށް ޑިރެކްޓަރ އަދި ސެކްޝަން ހެޑުންނަށް މެނޭޖަރުން ތިބި އިރު މުސާރައިގެ އޮނިގަނޑުން އެއާ ގާތްކުރާ އަދަދަށް މުވައްޒަފުން ނަގާފައި ތިބީ. އެހެންވީމަ 20މިލިއަން އިތުރެއް ނުވާނެ. ބަޖެޓް ބޮޑުވެފައިވަނީ މުސާރަ ބޮޑުކުރުމުން ކަން މަޖިލީހަށް ބުނެދޭން ނުކެރިގެން މިއުޅެނީ ކީއްވެ؟
މުސްކުޅި އޮޑިޓަރ
07 October 2025
އޮޑިޓަކަށް 1.6 މިލިއަން ރުފިޔާ ( 81 އޮޑިޓަށް 134މ)، ތިހާ ވަރަކަށް ބަޔަކު އެފިޝެންޓް ވާނީ،
ކުލްޕިކްސް
07 October 2025
މާޝާ ﷲ
ހ. ހުސައިން
07 October 2025
މަސައްކަތުގެ ފެންވަރާއި އިހުލާސްތެރިކަން ނެތްކަމަށް ދަންނަވަންޖެހޭ. ސިޔާސީ ބެރަށް ނަށާ ވެރީން ލައިގެން މިނިވަން މުއައްސަސާތައް ހިންގުމުގެ މާބޮޑު ފައިދާއެއް ރައްޔިތުންނަށް ވާނެ ކަމަކަށް ނުބެލެވޭ. އެހެނެއްނޫން، އޭރަކު ވެރިކަމުގައި ތިބޭ ބަޔަކަށް ފައިދާކުރާނެ.
ސުމެއް1
07 October 2025
ތިތަނުގެ އިފެކްޓިވްނެސް ހަމަ ސުމެއް. ފަސް ހައަހަރުވެ ހަދާނެ އެއްޗެއް ހަދާއިރު، ހޭއަހާނުލާ..
އަހަރީ ރިޕޯޓު
07 October 2025
ތަނުގެ އަހަރީ ރިޕޯޓެއްވެސް ފެންނާކަށް ނެތް
މައްކު އޮޑިޓަރ
07 October 2025
1 އަހަަރުގެ ތެރޭގައި ނެރެލެވޭ އޯޑިޓް ރިޕޯރޓަށްވުރެ އަހަރެއްގެ ތެރޭގައި އިސްވެރިން ބޭރަށްކުރާ ދަތުރު ތަކުގެ ޢަދަދު މާ ގިނަ. ބަޖެޓް ދިނުމުގެ ބޭނުމެއް ނެތް، ރައްޔަތުން ބޭނުންވަނީ ޓައިމްލީ ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭގޮތުގެ އިންޑެޕެންޑެންޓް އޯޑިޓް ރިޕޯރޓް.
ޑައިން
07 October 2025
މިތަނުގެ މުވައްޒަފުން ތަނަށް ދޭ ވަގުތަށް ވުރެން ގިނައީ އަމިއްލަ މަސައްކަތުގައި އުޅޭ މީހުން. ތި ފޮޓޯ އިންވެސް ފުދޭނެ. މަސައްކަތް ނުހިނގަނީ މިހާރު މަތިފަޑިގެ ފޯކަސް ނެތުމުން. އެއްތަނެއްގައި މާގިނަ ދުވަހު ތިބެންޔާ ވާނީ "ޑައިނަސޯރުންނަން"
ހެޔޮ ނަސޭ ހަތެއް
07 October 2025
ހަމަ ހިތައް އަރާ ކޮމެންޓެއް ކުރުމަކީ ތަސައްރަފް ފުދޭ މީހުން ކުރާކަމެއް ނޫން. ބިނާކުރުވަނިވި، ކަންކަމުގެ ދެކޮޅުބަލާފަ ކޮމެންޓު ކުރުމަކީ، އެންމެނަށްވެސް ފައިދާ ކުރާނެ ކަމެއްކަމަށް ފެނޭ.