އެމްއެމްއޭގެ ގަވަރުނަރު ޑރ.އަހުމަދު މުނައްވަރު އުރީދޫއާ އިންވާޑް ރެމިޓެންސް ލައިސަންސް ހަވާލުކޮށްދެއްވަނީ. ފޮޓޯ: އުރީދޫ
15 އޮކްޓޯބަރ 2025 - 19:21
ބޭރު ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ދައްކާ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމަށްޓަކައި ނަގަން ޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އުރީދޫ ފިންޓެކަށް ދީފި އެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް އުރީދޫއާ އެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމަދީ އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓު ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް އިގްތިސާދެއް ބިނާކުރަން އެމްއެމްއޭއިން ކުރާ މަސައްކަތަށް އުރީދޫން ދޭ އަހައްމިއްޔަތަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
އުރީދޫ އިން މިއަދު ބުނީ ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރަން އެމް-ފައިސާ އިން ކުރަމުން އަންނަ މަސައްކަތް، އެ ލައިސަންސާ އެކު އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އެ ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެއް ކަމަށް ވެސް ބުންޏެވެ.
އެ ލައިސަންސް ލިބުމުން އަމިއްލަ ފަރުދުން، ހާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ފޮނުވޭނެ އެވެ.
އުރީދޫން ބުނީ ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލްކަން ލިބުމާ އެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖެއަށް ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
15 October 2025
އެސްޓިއޯއިން ހުޅުވަން އުޅުނު ބޭންކް ކޮބާ؟؟ 1 މިނިޓުން އެކައުންޓް ހުޅުވާ ލޯނު ހަމަޖެހޭނެ ކަމަށް އެމީހުން ބުނި.