އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް މިއަދު ތައާރަފުކުރުމާ އެކު، ރާއްޖޭގެ އެކަހެރި ކަމަކީ އިގުތިސާދަށް އޮތް ހުރަހަކަށް ދެން ދުވަހަކު ވެސް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުތަކުގެ ތެރޭގައި ވެސް ހިމެނޭ ޕޭޕަލްގެ ހިދުމަތް އުރީދޫން ރަސްމީކޮށް ރާއްޖެއަށް ތައާރަފުކުރީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާ އެކު، މިއަދުން ފެށިގެން އެ ހިދުމަތުގެ ބޭނުން ހިފޭނީ ކިހިނެއްތޯ އާންމުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. 

"މީގެ މާނައަކީ ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ޓޫރިސްޓުންގެ އަތުން ސީދާ ޑިޕޮސިޓްތައް ބަލައިގަނެވި، ހިދުމަތްތައް މާކެޓް ކުރެވޭނެއޭ. ޑައިވް ސްކޫލްތަކަށް އިތުބާރާ އެކު ބޭރުގެ ބުކިންތައް ކަށަވަރު ކުރެވޭނެއޭ. އަތްތެރި މަސައްކަތްތެރިއަކަށް ދިވެހި އުފެއްދުންތައް އަޅުގަނޑުމެންގެ ބޯޑަރުން ބޭރަށް ވިއްކޭނެއޭ. އޮޑިދޯނިފަހަރު ހިންގާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާ ހަމައަށް ވާސިލުވެވޭނެއޭ. ފްރީލާންސް ޑިވެލޮޕަރަކަށް އޭނާގެ ލެޕްޓޮޕުން އާދަޔާ ހިލާފު ސޮފްޓްވެއާއެއް ބިނާކޮށް، ދުނިޔެއަށް ނެރެ، އޭގެ މާލީ މަންފާ ރައްކާތެރިކަމާ އެކު އޭނާގެ އެކައުންޓަށް ޖަމާކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ. 

"ޖިއޮގްރަފީގެ ސަބަބުން ތިޔަބޭފުޅުންގެ އިގުތިސާދީ މުސްތަގުބަލު ދެން ދުވަހަކު ވެސް ހަނިވެގެން ނުދާނެ."

އުރީދޫން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ހިދުމަތް އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އުރީދޫން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ހިދުމަތް އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާއިރު، ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކު ވެސް ޕޭޕަލް ކަހަލަ ބައިނަލްއަގުވާމީ ނެޓްވޯކްތަކުގެ ބޭނުން ހިފައި، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ ބްރޭންޑްތަކަށް ބަދަލުކުރުމަށް ކަމަށެވެ. ބޭނުންވަނީ ދިވެހިން ދެކޭ މުސްތަގުބަލަކީ ދިވެހިންގެ އުފެއްދުންތައް ސީދާ ދުނިޔޭގެ ބާޒާރަށް ވިއްކޭނެ މުސްތަގުބަލަކަށް ވުން ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެއީ އުތުރުގައި ކުރާ ފުރިހަމަ ލާޖެހުމުގެ މަސައްކަތް ކަމުގައި ވިޔަސް، ދެކުނުގައި ހައްދާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުފެއްދުންތައް ކަމުގައި ވިޔަސް، އައްޑޫގައި މަސައްކަތްކުރާ ޑިޒައިނަރަކު ނުވަތަ މާލޭގައި ހުރި ޑިޖިޓަލް އީޖާދުވެރިއަކު ކަމުގައި ވިޔަސް، ދިވެހި މޮޅު އުފެއްދުންތެރިކަން ބައިނަލްއަގުވާމީ ބާޒާރަށް ފަސޭހަކަމާ އެކު ވަންނަން ޖެހޭނެއޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާއި ފްރީލާންސަރުންނާއި އުފެއްދުންތެރިން އަދި ފޮނި ހުވަފެންތައް ދެކޭ ދިވެހިންނަށް ދަންނަވަން، އިގުތިސާދީ ދޮރު މިވަނީ ހުޅުވިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސްކުރަނީ ކުރިއަށް ވަޑައިގަތުމަށް. ޖެހިލުންވުމެއް ނެތް ގޮތުގައި ބިނާކުރައްވާ. ފުރިހަމަ އިތުބާރާ އެކު އުފައްދަވާ. އަދި ލިމިޓެއް ނެތި އީޖާދީ މަސައްކަތްތައް ކުރައްވާ. ދުނިޔޭގެ މައިދާނުގައި ތިޔަބޭފުޅުންގެ ހައްގު މަގާމު ހޯއްދަވާ."
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެތައް ގަރުނެއް ވަންދެން އަޅުގަނޑުމެންގެ ކާބަފައިން ރާއްޖެ އާއި ދުނިޔެ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި އެތައް އަހަރެން ވަންދެން ރާއްޖެ އޮތީ އެކަހެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ކަބާފައިން އެމީހުންގެ ހިތްވަރާއި ހުރި ހޭލުންތެރިކަން ބޭނުންކޮށްގެން ބޮޑެތި ކަނޑުތައް ހުރަސްކޮށް، ދުނިޔެ އާއި ރާއްޖެ ގުޅުވައިދިނީ ކަނޑުދަތުރުފަތުރުގެ ނަމޫނާ ނިޒާމަކުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މިއަދު ވެސް ދިވެހިން ކުރިއަށް މި ދަނީ ހަމަ އެ މަގުން ކަމަށާއި ގިއޮގްރަފީގެ ގޮތުން ރާއްޖެ އެކަހެރި ގައުމެއްގެ ގޮތުގައި އޮތުމަކީ އިގުތިސާދަށް އޮތް ހުރަހަކަށް ނުވާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ އެކަހެރިކަމުން އަޅުގަނޑުމެންގެ އިގުތިސާދީ ބާރުތައް ދެން ހަނިވެގެން ނުދާނެ. އެތައް ގަރުނެއް ވަންދެން، އަޅުގަނޑުމެންގެ ކާބަފައިން ރާއްޖެ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން،" ރައީސް ވިދާޅުވި އެވެ.

"މިއަދު، އަޅުގަނޑުމެން އަޅުގަނޑުމެންގެ ރައްޔިތުން ދުނިޔެއާ މި ގުޅުވައިދެނީ ޑިޖިޓަލް އިގުތިސާދުގެ މަގުން. މިއަދު، އެ ވައުދު މިވަނީ ހަގީގަތަކަށް ވެފައި."

އުރީދޫން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި މިނިސްޓަރު ސައީދުއާ އެކު އުރީދޫ އަދި ޕޭޕަލްގެ އިސްވެރިން ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އުރީދޫން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި މިނިސްޓަރު ސައީދުއާ އެކު އުރީދޫ އަދި ޕޭޕަލްގެ އިސްވެރިން ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވީ ދިވެހިން ހުވަފެންތަކާއި އުއްމީދުތަކާ ގުޅިފައިވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގައި ބައިވެރިންގެ ގޮތުގައި ތިބި ޕޭޕަލް އާއި އުރީދޫގެ އިސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އިސްކޮށް މަސައްކަތްކޮށްދެއްވި އިކޮނޮމިކް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް އެމްއެމްއޭ އަދި އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާއި ފްރީލާންސަރުންނާއި އުފެއްދުންތެރިން އަދި ފޮނި ހުވަފެންތައް ދެކޭ ދިވެހިންނަށް ދަންނަވަން، އިގުތިސާދީ ދޮރު މިވަނީ ހުޅުވިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސްކުރަނީ ކުރިއަށް ވަޑައިގަތުމަށް. ޖެހިލުންވުމެއް ނެތް ގޮތުގައި ބިނާކުރައްވާ. ފުރިހަމަ އިތުބާރާ އެކު އުފައްދަވާ. އަދި ލިމިޓެއް ނެތި އީޖާދީ މަސައްކަތްތައް ކުރައްވާ. ދުނިޔޭގެ މައިދާނުގައި ތިޔަބޭފުޅުންގެ ހައްގު މަގާމު ހޯއްދަވާ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ބާއްޖަވެރި މުސްތަގުބަލެއް ލިބޭނީ ފުރުސަތުތަކުގެ ބޭނުން ހިފާ ބަޔަކަށް ކަމަށްވާއިރު، "މޯލްޑިވްސް 2.0" އަދި މި ފެށުނީ ކަމަށާއި އެ ވައުދު މިއަދު ހަގީގަތަކަށް ހަދައިދެވުނީ ކަމަށެވެ.