ފެލިވަރު ތަރައްގީކޮށް، 200 ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފި

ޅ. ފެލިވަރުގައި ހުންނަ މަސް ކާރުހާނާ އާއި އެ ތަނުގެ އެހެން މަސައްކަތްތަކަށް 200 މީހުން ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު އިއުލާންކޮށްފި އެވެ.


މިފްކޯ އިން ބުނީ މިއީ ދުނިޔޭގެ ބާޒާރުގައި އެ ކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކޮށް ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ހޯދައި ދޭން ފެށި މަސައްކަތްތަކުގެ ތެރެއިން ދިވެހިންނަށް އަމާޒުކޮށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާ އިތުރަށް ތަރައްގީކޮށް ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުން މިހާރަށް ވުރެ އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިހާރު އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ކުންފުނިން ބުނީ ދުނިޔޭގައި ދަޅު މަހުގެ ބާވަތްތައް ބޭނުންކުރާ ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެ އައިސް، ފެލިވަރުގެ އުފެއްދުންތައް ބެލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކަށް ފެލިވަރުގެ ދަޅު މަސް ނެރުމުގެ ފެހި ސިގްނަލް ބައެއް ފަރާތްތަކުން ދީފައިވާ ކަމަށް ވެސް މިފްކޯ އިން ބުނެ އެވެ.

މިފްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަސް ކާރުހާނާގެ ވަސީލަތްތައް ތަރައްގީކޮށް، ދުވާލަކަށް 50 ޓަނުގެ ދަޅުމަސް ބަންދު ކުރަން އަލުން މިހާރު ވަނީ ފަށައިފަ އެވެ. މި ފަހަކަށް އައިސް އެތަނުގައި ބަންދުކުރެވެނީ ދުވާލަކަށް 30-35 މެޓްރިކް ޓަނުގެ ދަޅު މަހެވެ.

މިހާރު ފެލިވަރުގެ ކެޕޭސިޓީ އެހުރީ މަހެއްގެ މައްޗަށް 70،000 ކޭސް ދަޅުމަސް އުފެއްދޭ މިންވަރުގަ އެވެ. އެއީ 41 ކޮންޓެއިނަރެވެ.

ފެލިވަރު ކާރުހާނާގައި މިހާރު ވެސް 600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ. އެ އެންމެންނަށް ފެލިވަރުން އެކޮމަޑޭޝަން ވަނީ ހަމަޖައްސައިފަ އެވެ.