ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފެށި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް އެއާބަސް 350ގެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް
16 ޑިސެމްބަރ 2025 - 17:15
ދުނިޔޭގައި އެންމެ މަޝްހޫރު އެއް އެއާލައިން ސިންގަޕޯ އެއާލައިންސް އިން ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެމްއޭސީއެލުން ބުނި ގޮތުގައި އެއާބަސް 350ގެ ފްލައިޓެކެވެ. އަދި އެއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކީ ފުރަތަމަ ފަހަރެވެ.
ސިންގަޕޯ އެއާލައިންސް ވެފައި ވަނީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ފެށި 32 ވަނަ އެއާލައިނަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފެށި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް އެއާބަސް 350ގެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް
ސިންގަޕޯ އެއާލައިނުން ވީއައިއޭގެ ޓާމިނަލް 1 ގައި ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރު ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާނާއި އެމްއޭސީއެލްގެ އިސްވެރިނާއި އޮފިޝަލުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި ސިންގަޕޯ އެއާލައިނުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއޭސީއެލްގެ ބައެއް އޮފިޝަލުންނާއި އެ އެއާލައިންގެ އޮފިޝަލުން ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލުން ބުނީ، ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން، އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް މިއަދު ހުޅުވި ކަމަށެވެ. އަދި އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް, SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި ސިންގަޕޯ އެއާލައިނުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފާއި އެމްއޭސީއެލް އާއި ސިންގަޕޯ އެއާލައިން އަދި ދިރާގުގެ ބައެއް އޮފިޝަލުން ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: އެމްއޭސީއެލް
ސިންގަޕޯ އެއާލައިންސް އިން ރާއްޖެ އަށް ދަތުރުތައް ފެށީ މާޗު 28، 1984 ގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާގަ
16 December 2025
ސިންގަޕޫރު ރައްޔިތުންނަށް މަލުގެ ހާރު ގުލްދަސްތާކުރަން.
ސިން ގަޕޯ
16 December 2025
ކައުންޓަރުގަ ތިބި ޗާލު ކުދިންގެ އިތުރު ފޮޓޯކޮޅެއް ނެތްތަ؟
އަބްޑޫޅް +
16 December 2025
އެއީ ސިންގަޕޫރު. އޭގެ މާނަޔަކީ، "ސިންގަފުށި". ހަމަ، "ވިހަމަނާފުށި" ކަހަލަ ދިވެހި ނަމެއް.