ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ކުންފުނި، މަޝްހޫރު ވިޔަފާރިވެރިޔާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުން ސާވިސް ޗާޖް ރުފިޔާއިން ދޭން ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި، އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނާ އެކު ގެނައި ބަދަލުތަކާ އެކު ކުންފުނީގެ އާމްދަނީގެ ބައެއް މާރުކުރަންޖެހޭތީ ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކޮށްދޭން އިދާރާތަކާ އެކު އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެކަމުގައި ހައްލެއް ލިބިފައިނުވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ ކުންފުނިން މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖް ދެމުން ދިޔައީ ޑޮލަރުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު  ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާ އެކު މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ދޭން ދަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެހެންވެ މި މަހުން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް  ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ ކުންފުނީގެ މެމޯގައި ބުނެފައިވެ އެވެ. އަދި މިހާތަނަށް ދިވެހި ރުފިޔާ އެކައުންޓު ނުހުޅުވާ މުވައްޒަފުން ވެސް ވީ އެންމެ އަވަހަށް އެކައުންޓް ހުޅުވައި ބޭންކްގެ މައުލޫމާތުތައް އެޗްއާރާ ހިއްސާކުރުމަށް އެދިފައިވެ އެވެ.

ސަން ސިޔާމް ކުންފުނީގެ ދަށުން މިވަގުތު ހަ ކުންފުންޏެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ސަން ސިޔާމް އިރުފުއްޓާއި ސަން ސިޔާމް އިރުވެއްޔާއި ސަން ސިޔާމް ވިލު ރީފުގެ އިތުރުން ސަން ސިޔާމް ޕަސިކުޑާގެ އިތުރުން އޮޅުވެލި އަދި ސިޔާމް ވޯލްޑް ހިމެނެ އެވެ. އެ ކުންފުނީ ދަށުން ހިންގާ ރިސޯޓުތަކުގައި ގާތްގަނޑަކަށް 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ސަން ސިޔާމް ކުންފުނިން ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމި އިރު ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ދިވެހި ކުންފުނި، ކްރައުން އެންޑް ޗަމްޕާ ކޮމްޕެނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ މިމަހު ވަނީ ނިންމާފަ އެވެ.