ދިރާގުން ދޭ ދެ ލޯންޗުގެ ލިބޭނެ ކަމުގެ އުއްމީދުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ އިއްޔެ ފުރަތަމަ ލޯންޗުގެ ނަސީބު ލައްވާލި ސ. ފޭދޫ، ހަރުމަލުގެ އަބްދުالله ސައީދެވެ. ދިރާގުން 2023 ވަނަ އަހަރު އިއުލާން ކުރި "ސްޕީޑްބޯޓު ޕްރޮމޯޝަނު"ގައި ވެސް އޭނާ ބައިވެރިވި އެވެ. އެ ފަހަރު ނަސީބު ލައްވާނުލި ނަމަވެސް މިފަހަރު ހަމަ ލިބިދާނޭ ހިތާ، ޕްރޮމޯޝަން ހަމަ އިއުލާންކުރުމާ އެކު ބައިވެރިވީ އެވެ.

"ކުރީ ފަހަރު ވެސް އުއްމީދުކުރިން. މި ފަހަރު ވެސް އަވަހަށް ބައިވެރިވީ ހަމަ ލިބިދާނެ އޭ ހިތާ. ވަރަށް އުއްމީދުކުރިން ލިބޭތޯ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ލޯންޗު ލިބުނު ހަބަރު އޭނާއަށް ފުރަތަމަ ލިބުނީ ނުދަންނަ ނަމްބަރަކުން ގުޅި މީހެއްގެ ފަރާތުން ކަމަށެވެ.

"ނުދަންނަ ނަމްބަރަކުން މީހަކު ގުޅާފަ ބުނީ ބްރޯއަށް ދޯ އޭ ލޯންޗު ލިބުނީ. އަހަރެން ބުނިން އެހެންހޭ، ރަނގަޅެއް ނޫންހޭ. އެކަމަކު އެއަކަށް މާބޮޑަކަށް އަޅައެއް ނުލަން. ހީކުރީ ސްކޭމް ކޯލެއް ކަމަށް."

އޭރު އޭނާ ހުރީ ޑީއުޓީއަށް ދާން ލަސްވެފަ އެވެ. އެހެންވެ އެ ކޯލާ މެދު މާބޮޑަށް ނުވިސްނައި ހުއްޓައި އެކަން ޔަގީންވީ މައުލޫމާތު ހޯދަން މީޑިއާ އަކުން ގުޅުމުންނެވެ. 

"ލޯންޗު ލިބުންކަން ޔަގީންވީމަ، ވަރަށް އުފާވި. ވަރަށް ބޮޑު އުފަލެއް މިއީ،" އޭނާ ބުންޏެވެ.

ދިރާގުން ޕްރޮމޯޝަނުގައި ދޭ ސްޕީޑް ބޯޓު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދިރާގުން ޕްރޮމޯޝަނުގައި ދޭ ސްޕީޑް ބޯޓު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޯންޗުގެ ނަސީބުވެރިއާއަށް ވުމުން ސައީދު ފުރަތަމަ ނިންމީ ލޯންޗުގައި މަހަށް ދާށެވެ. ނަމަވެސް އޭނާ އަކީ ރިސޯޓުގައި ބުރަކޮށް މަސައްކަތް ކުރާ މީހަކަށްވުމުން, ލޯންޗެއްގެ މެއިންޓަނަސް މަސައްކަތްތަކާއި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް ދަތިވާނެތީވެ, މިހާރު އޭނާގެ ވިސްނުން ހުރީ ލޯންޗު ވިއްކާލުމަށެވެ.

ސައީދަކީ 2001 ވަނަ އަހަރުން ފެށިގެން ދިރާގުގެ ކަސްޓަމަރެކެވެ. އޭނާ ވަނީ ދިރާގުން މިފަދަ އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައި ވާތީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ސައީދަށް މި ޕްރޮމޯޝަނުން ލިބުނީ އަލްޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. އެއީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓެކެވެ.

ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓު"ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވާފައި ވާއިރު ދެ ވަނަ ލޯންޗު ހޯދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް އެ ލޯންޗު ހޯދަން އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.