ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައި، އެ މުބާރާތުގެ ވަނަތަކަށް ދިޔަ ފެތުންތެރިންނަށް އިނާމު ދީފި އެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
އެ މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ މުބާރާތުގައި 420 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވި އެވެ. މިއީ މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެވެ.
މިއަހަރުގެ "މާލެ އޯޕަން" ފެތުމުގެ މުބާރާތުގައި އުމުރުން 6 އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި އެވެ. އެ މުބާރާތުގައި އެއް ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތައް ކުރިއަށް ދިޔަ އެވެ. އޭގެ އިތުރުން، މިއަހަރުގެ މުބާރާތުގައި 500 މިީޓަރުގެ ޓީމް ރިލޭ ކެޓަގަރީގައި ރަހުމަތްތެރިންނާއި، އާއިލާއާއެކު، އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މި މުބާރާތުގައި މިއަހަރު މުޅި މުބާރާތުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަޔެޝާ ޒާޔާ ހުސައިން އެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިބްރާހިމް ޔުއާން ޝަމީމް އެވެ. މުބާރާތުގެ އެންމެ މޮޅު ސްވިމިން ކްލަބަކަށް ހޮވުނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ.
މި މުބާރާތުގެ އެއް ކިލޯ މީޓަރު ކެޓަގަރީގެ އެއް ވަނަ އަންހެން ފެތުންތެރި އަކީ މެރަލް އައިން ލަތީފް އެވެ. އަދި ދެ ވަނަ އަންހެން ފެތުންތެރިއަކަށް އަލްޔާ އަޝްރަފް ހޮވުނު އިރު ތިން ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އައިޝަތު އަލީނާ ޝާހިދު އެވެ.
އެ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރިއަކީ އިބްރާހިމް ޔުއާން ޝަމީމް އެވެ. އަދި ދެ ވަނަ ފިރިހެން ފެތުންތެރިއަކަށް ޔޫސުފް ޒިޔާން ޒާހިދު ހޮވުނު އިރު ތިން ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވުނީ އިޒްޔާން ނާޒިމް އެވެ.
އެ މުބާރާތުގެ 500 މީޓަރު ކެޓަގަރީގެ އެއް ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އަޔެޝާ ޒާޔާ ހުސައިން އެވެ. އަދި ދެ ވަނަ އަންހެން ފެތުންތެރިއަކަށް ފާތިމަތު ލައްޔާހް ޝާހިދު ހޮވުނު އިރު ތިން ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އާއިޝަތު އައިޝްކާ ސަމީރު އެވެ.
އެ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރި އަކަށް ހޮވުނީ އިބްރާހިމް ޔުއާން ޝަމީމް އެވެ. އަދި ދެ ވަނަ ފިރިހެން ފެތުންތެރިއަކަށް މުހައްމަދު އަރާން ޝަމީމް ހޮވުނު އިރު ތިން ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވުނީ ނޫމާން މުހައްމަދު ނަސީފް އެވެ.
ދިރާގުން ބުނީ މިއަހަރުގެ މުބާރާތުން ރާއްޖޭގައި އޯޕަން ވޯޓާ ފެތުމަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރާއި އެ ކުޅިވަރަށް އޮތް ތަރުހީބު ހާމަވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ މުބާރާތުގައި 350 ފެތުންތެރިން ބައިވެރިވި އިރު، މިއަހަރު އެ އަދަދު 420 އަށް އިތުރުވެފައިވާކަން ފާހަގަކުރި އެވެ. ދިރާގުން ބުނީ މިއަހަރުގެ މުބާރާތުގައި އުއްމީދީ ޒުވާން ފެތުންތެރިންނާއި ތަޖުރިބާކާރު ފެތުންތެރިން ވެސް ބައިވެރިވި ކަމަށެވެ.