ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއަޅަން ދިރާގުން ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި އެވެ.

ސައިންސް، އެކްސްޕްލޯ، އެކްޓް އެންޑް ޑިސްކަވާ (ސީޑް) އިނީޝިއޭޓިވް އަކީ ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދޭން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާ އިން ސިޓިޒެން ސައިންސްގެ ޒަރީއާއިން ކަނޑުގެ މައުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށާއި ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑުފަޅުތަކާ ގުޅުން ހުރި މުހިންމު ހަރަކާތްތައް ހިންގުމަށް ހާއްސަ އިސްކަމެއް ދެ އެވެ.

ސީޑް އިނީޝީއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ފަރާތް ގުޅިގެން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށް ސަމާލުކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ.

ސީޑް އިނީޝިއޭޓިވްގެ ދަށުން "އިކޯ ގާޑިއަން" ޕްރޮގްރާމްގައި ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅުތަކާއި ބެހޭ ހާއްސަ ސެޝަންތަކާއި މޫދުގައި އަމަލީ ހަރަކާތްތައް ހިންގުން ހިމެނެ އެވެ.

ދާއިރާގެ މާހިރުންނާއި މެރިން ބައޮލޮޖިސްޓުންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އެ ހަރަކާތްތައް މެދުވެރިކޮށް ކަނޑުގެ ދިރުންތަކުގެ ނިޒާމާއި މޫދުވިނަ އާއި ޗަސްބިންތަކާއި ދެމެހެއްޓެނިވި އުސޫލުތަކުގެ އިތުރުން އީކޯސިސްޓަމް އާލާކުރުން ފަދަ ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.

ދިރާގުން ބުނީ އެއީ، ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ އަމަލީ ގޮތުން އެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ، ކަނޑުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.

ދިރާގުން، ތިމާވެށި ހިމާޔަތްކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި ބާރުވެރިކުރުމަށް ހާއްސަ އިސްމަކެއް ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.