ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް1 ގައި ހުޅުވައިފި އެވެ.

ދިރާގުން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަށް އެ ފިހާރައިގެ ސަބަބުން ދިރާގުގެ ހިދުމަތްތައް ހޯދަން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ހުޅުމާލެ ފޭސް1ގެ ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ އެ ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދަކަށް ވެފައި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ. 

ދިރާގުގެ މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތާއި ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގޭނެ އެވެ. އޭގެ އިތުރުން ރިޗާޖް ކުރުމުގެ ހިދުމަތާއި ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންގެ ހިދުމަތްތައް ވެސް އެތަނުން ލިބޭނެ އެވެ. 

މި ފިހާރަ ހުޅުވުމާ ގުޅިގެން އެ ތަނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ދިރާގުން ވަނީ އިއުލާންކޮށްފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް ގެލެކްސީ ބަޑްސް3 ޕްރޯއެއް ދޭން ވަނީ ހަމަޖެހިފަ އެވެ.