ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ދެނެގަތުމަށް ކުރާ ސްކްރީނިން އަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ 'ސާވިކަލް ކެންސަރު ސްކްރީނިން ޕެކޭޖް' އިން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމައިފަ އެވެ. 

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ޓްރީ ޓޮޕުން ބުނީ މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް ވީހާވެސް ގިނަ އަންހެނުންނަށް ސްކްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. 

ސާވިކަލް ކެންސަރަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ކުރިން ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކެމްޕޭނަކީ އަންހެނުންގެ ދިގު މުއްދަތުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ގަވާއިދުން ޗެކަޕް ހެދުމަށް ބައިނަލްއަގުވާމީ އަދި ގައުމީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ޓްރީ ޓޮޕްގެ ސާވިކަލް ކެންސަރު ޕެކޭޖުގެ ދަށުން ރަހިމުގެ ދޮރުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެ އެވެ. މިއީ އެކި ސަބަބުތަކާ ހުރެ ސްކްރީނިން ހެދުން ލަސްވެފައިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ޓްރީ ޓޮޕުން ފާހަގަކުރެ އެވެ. ހާއްސަކޮށް ގަވާއިދުން ސްކްރީން ކުރަންޖެހޭ އުމުރުގެ އަންހެނުންނާއި މި ބައްޔާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފަން އެ ހޮސްޕިޓަލުން ބާރުއަޅަ އެވެ. 

މި ޕްރޮމޯޝަންގެ ދަށުން ސާވިކަލް ކެންސަރަށް ޓެސްޓްކުރަން މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.