ރާއްޖެ އަށް އެތެރެކުރާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް އަދި އެހެނިހެން މުދާތައް އެކި ސަރަހައްދުތަކަށް ގެންގޮސްދިނުމަށް ދައުލަތުގެ ޕޯޓު ކުންފުނި، އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.
އިއްޔެ ފެށި މި އަހަރުގެ މެރިން އެކްސްޕޯގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ގެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
އެމްޕީއެލް އިން ބުނީ، އެ ހިދުމަތުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ގުދަންތަކާ ހިސާބަށް އެއްވެސް ދަތިކަމެއް ނެތި ގެންގޮސްދިނުން ކަމަށެވެ. އަދި އެ ބާވަތްތައް ގުދަންތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ތާވަލް ކޮށްގެން ކުރާ ދަތުރުތަކާއި "ކޯލްޑް ޗެއިން ކެޕޭސިޓީ" އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ މަގުސަދެއް ކަމަށް އެމްޕީއެލުން ބުންޏެވެ.
"މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްއަކީ ރާއްޖެ އަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި ގުދަން ކުރުމާއި އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގާއަކުން ގުޅާލުމަށް އެމްޕީއެލް އިން ފަރުމާ ކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ،" އެމްޕީއެލުން ބުންޏެވެ.
"މިއާ އެކު، ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ."
އެމްޕީއެލުން ބުނީ، ސަރުކާރުން އެކުލަވައިލި ލޮޖިސްޓިކް ނެޓްވޯކް ANCHOR ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އެއާ އެކު، އެމްޕީއެލުން މިހާތަނަށް ދެމުން އައި ލޮޖިސްޓިކްސްގެ ހިދުމަތް ފުޅާކޮށް، މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް އެއީ ވަކި ހިދުމަތެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.
"ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާ އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެެއްގެ އެހީއަކާ ނުލައި، އެމްޕީއެލް އިން އެ ހިދުމަތް ފޯރުކޮށްދޭނެ."
އެމްޕީއެލް އިން ނިންމާފައި ވަނީ ޑޮމެސްޓިކް ޓްރާންސްޕޯޓުގެ ހިދުމަތް ވެސް މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ ތެރެއިން ކުރިމަގުގައި ދޭށެވެ.
އެއީ އެ ކުންފުނިން ބުނި ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ "ޓްރާންސްޝިޕް ކޮންޓެއިނާތައް" އެމްޕީއެލްގެ އުޅަނދުތަކުން ކުޅުދުއްފުށީ ޕޯޓާއި އައްޑޫ ހިތަދޫ ޕޯޓަށް ސީދާ ގެންގޮސްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.
"މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުހަލާތަކުގައި ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ، ހަރަދު ކުޑަވާނެ ނިޒާމެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުގެ ދައުރު މިހާރަށް ވުރެ ފުޅާވެ، އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ،" އެމްޕީއެލުން ބުންޏެވެ.
ޗީފް ލޮޖިސްޓިކްސް އޮފިސަރު އަހުމަދު ނާޒިމާ ހަވާލާދީ، އެމްޕީއެލުން ބުނީ، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ހިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ތާވަލު ކޮށްފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވަރީ ކުރުން ކަމަށެވެ.
"ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާ އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެެއްގެ އެހީއަކާ ނުލައި، އެމްޕީއެލް އިން އެ ހިދުމަތް ފޯރުކޮށްދޭނެ. އަދި އެމްޕީއެލްގެ ފެރީ ނިޒާމުގެ ދަށުން ކަނޑައެޅިފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމަައަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އެމްޕީއެލުން މިހާރު އަންނަނީ ލޮޖިސްޓިކްސްގެ ހިދުމަތް ފުޅާކުރަން ލޭންޑިންކްރާފްޓެއް ބަންނަން ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ. އެ އުޅަނދު ވެސް ކުރިއަށް އޮތް 8 މަސް ތެރޭގައި އޮޕަރޭޝަނަށް ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލުން ނިންމާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ހިދުމަތާ އެކު، އިތުރު ބައެއް ކަންކަން ވެސް ކުރިމަގަށް ތާވަލްކޮށްފަ އެވެ. އޭގެ ތެރޭގައި ސިނާއީ ރަށް ތިލަފުށީގައި "ކޮމާޝަލް ވެއާ ހައުސިން" ގުދަންތަކެއް ހެދުން ހިމެނެ އެވެ. އޭގެ ބޭނުމަކީ އެމްޕީއެލުން ބުނި ގޮތުގައި، ކްލިއަރެންސް ނިންމާފައިވާ މުދާތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމެވެ.