މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގންދިޔަ މެރިން އެކްސްޕޯގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެ އެކްސްޕޯގައި ބައިވެރިވި ކަމަށް އެލައިޑް އިން ބުނެފި އެވެ.
އެލައިޑުން ބުނީ އެ އެކްސްޕޯގައި މެރިން އިންޑަސްޓްރީއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން މެރިން ހަލް ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އެއީ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000ރ. ގެ ޑިސްކައުންޓް ވައުޗަރެއް ވަނީ ދީފަ އެވެ. އަދި އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވީ މެރިން އެކްސްޕޯ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެލައިޑުގެ އެ ޕްރޮމޯޝަނުގެ އިތުރުން އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ސްޓޯލްގައި ބޭއްވި އެކި ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް ވެސް އެކި ހަދިޔާތައް ވަނީ ދީފަ އެވެ.
އެލައިޑުން ބުނީ އެ ކުންފުނިން އެ އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން އެ ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހިއްސާކޮށް، އެކަމުގެ މުހިންމުކަށް އަންގައިދިނުން ކަމަށެވެ.
އެގޮތުން މިއަހަރު ވެސް އެކްސްޕޯގައި އެލައިޑްގެ ޕްލޭންތަކުގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ އާއި އެލައިޑް ތަކާފުލް ޕްލޭންތަކުގެ މައުލޫމާތު ވެސް ބައިވެރިންނާ ހިއްސާކުރި ކަމަށް ބުންޏެވެ.
އެފަދަ އެކްސްޕޯތަކުގައި ބައިވެރިވުމަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސަތްކަތްތަކުގެ މުހިންމު ބައެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.