ރޯދަ މަހަށް ހާއްސަކޮށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގު ޕޭ މެދުވެރިކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމުގެ އިތުރުން ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. ދިރާގު ޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރަން ހުޅުވާލާފައިވާ ފުރުސަތަކީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަ ވިއްލާނެ ޕެކްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

އެ ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1000 މީލް ޕެކް އެ ޖަމިއްޔާއަށް ހަދިޔާކޮށްފަ އެވެ. އަދި ދިރާގުޕޭ ބޭނުން ކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60ރ. އަށް މީލް ޕެކެއް ހަދިޔާކުރެވޭނެ އެވެ. 

ދިރާގުން އޭގެ އިތުރުން ވަނީ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، "މަމްސް އެއިޑް"އާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއާ ބާސްކެޓު ވެސް ފޯރުކޮށްދީފަ އެވެ. އެ ކެއާ ބާސްކެޓްތައް ދޭން ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ.

އެ ކެއާ ބާސްކެޓްގައި ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެ އެވެ. މި ހަރަކާތުގައި ވެސް ދިރާގުޕޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ހަރަކާތުގައި 1،200ރ. ގެ ކެއާ ބާސްކެޓެއް ހަދިޔާކުރުމުގެ ފުރުސަތާއި ބޭނުން އަދަދެއްގެ ޑޮނޭޝަނެއް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.  

ދިރާގުޕޭގެ މި ހަރަކާތްތަކުގައި ބައިވެރިވެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ދިރާގުޕޭ އެޕްލިކޭޝަނުގެ "ފީޗާޑް ސާވިސް" ހިޔާރުކުރުމުން ޑޮނޭޓް ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެ އެވެ. މި ޑޮނޭޝަން ވަގުތުން ހަދިޔާކުރި ޖަމިއްޔާގެ އެކައުންޓަށް ޖަމާވާނެ އެވެ.  

ދިރާގުޕޭގެ މަގުސަދަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރަން މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.