ވިޔަފާރިތަކާއި އާންމުންނަށް ބީއެމްއެލް އިން މިދިޔަ އަހަރު 566 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

ބީއެމްއެލްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 70 ޕަސެންޓްގެ އިތުރުވުމެކެވެ. 

ބީއެމްއެލް އިން އާންމުންނާއި ވިޔަފާރިތަކަށް 2024 ވަނަ އަހަރު ވިއްކީ 334 މިލިއަން ޑޮލަރެވެ. އެހެންވެ މިދިޔަ އަހަރު އެއީ 232 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޑޮލަރުން ދޭ ހިދުމަތްތައް ވެސް އިތުރުކޮށްފަ އެވެ. އެގޮތުން ބޭރުގެ ޑެބިޓް ކާޑުގެ ޓްރާންސްފާ ލިމިޓު ވެސް އިތުރުކޮށްފައިވެ އެވެ. އަދި ވިޔަފާރިތަކަށް ޓީޓީ ހެދޭ މިންވަރު ވެސް އިތުރުކުރި އެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން މިހާރު 3،000 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު ޑޮލަރުގެ ހަތް އޭޓީއެމް ވެސް އަތޮޅު ތެރޭގައި ހުޅުވާފަ އެވެ. މިދިޔަ އަހަރު އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވި ނަމަވެސް، ލިކުއިޑިޓީ ރަނގަޅަށް ހިފެހެއްޓުނު ކަމަށް އެ ބޭންކުން ބުންޏެވެ.