ވިޔަފާރިތަކާއި ޓޫރިސްޓުން އަދި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫގައި މިރޭ އިފުތިތާހު ކޮށްފި އެވެ.
ބީއެމްއެލްގެ 100 ޕަސެންޓު ދިވެހި އުފެއްދުން "ސްވައިޕް" އިފުތިތާހު ކޮށްދެއްވީ އައްޑޫ ހިތަދޫގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ހޯމް އަދި ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.
ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އުފެއްދީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑް މިންގަނޑުތަކަށް ފައްތައިގެން ކަމަށެވެ.
"އެހެންކަމުން މިއީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފަސޭހަކަމާ އެކު، އަވަހަށް އަދި ރައްކާތެރިކަމާ އެކު، ފައިސާގެ މުއާމަލާތް ކުރެވޭ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓެއް. މި ޑިޖިޓަލް ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ސްވައިޕް ތައާރަފު ކުރުމަކީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ބީއެމްއެލް ވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިންމު ކުރިއެރުމެކެވެ.
ބީއެމްއެލްގެ ސްވައިޕްގެ ފައިދާތައް އެމްޑީ ޝަރީފްގެ ވާހަކަތަކުން:
- ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ. ކޮންމެ ގައުމަކުން ވެސް އެ މީހުންގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ.
- ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ.
- ބީއެމްއެލްގެ އެކައުންޓުތަކަށް ފައިސާ ފޮނުވައި އަދި ފައިސާ ނެގޭނެ.
- ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެ. މާނައަކީ އެއީ ބަންދު ދުވަހެއް ކަމަށް ވިޔަސް ސްވައިޕް މެދުވެރިކޮށް ތަނަކަށް ފައިސާ ދައްކައިފި ނަމަ އެ ފައިސާއެއް ވަގުތުން ޖަމާވާނެ.
- ސްވައިޕަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓް. ރާއްޖެ އަންނަ ޓޫރިސްޓުން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު މިހާރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ ޕަސެންޓެއް.
- ޕޭޕަލް، ވައިސް ފަދަ ދުނިޔޭގެ އެހެން ވޮލެޓުތައް މެދުވެރިކޮށަް ރާއްޖޭގެ ކަންކަމަށް ފައިސާ ދައްކާއިރު ޗާޖުތަކެއް ނަގާ. ބައެއް ފަހަރު 100 ޑޮލަރަށް ޗާޖުގެ ގޮތުގައި 15 ޑޮލަރު ނަގާ. އެކަމަކު ސްވައިޕް މެދުވެރިކޮށް ޕާސަނަލް ވޮލެޓަށް ރާއްޖެ އިން ބޭރުން ގެންނަ ފައިސާ އަށް އެއްވެސް ފީއެއް ނުނަގާނެ.
- ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް ވެސް ސްވައިޕް އެހީތެރިވާނެ.
މިރޭގެ ޖަލްސާގައި ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ، ޓޫރިސްޓުންނަށް ވެސް ސްވައިޕް ތައާރަފުކުރި މައިގަނޑު ސަބަބަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ޓޫރިޒަމެއް އޮންނައިރު ހަމަ އެ ފެންވަރު ފައިނޭންޝަލް ޕްރޮޑަކްޓްތައް ވެސް ރާއްޖޭގައި އޮތުން މުހިންމު ކަމަށް ބީއެމްއެލުން ދެކޭތީ ކަމަށެވެ.
"މިދިޔަ ހަފުތާގައި އައިޓީބީ ބާލިންގެ ތެރެއިން މި ވޮލެޓު ލޯންޗު ކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ ވޮލެޓެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ މެންޑޭޓަކީ ސްވައިޕް ފަދަ މާލީ ހިދުމަތްތަކާ އެކު، ދިވެހިންގެ އިގުތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެހީތެރިވެދިނުން ކަމަށެވެ.