ސެންޓާރާގެ ތިންވަނަ ރިސޯޓު މުތާފުށީގައި ހުޅުވަނީ

ތައިލެންޑްގެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި އެ ކުންފުނީގެ ތިންވަނަ ރިސޯޓުގެ ގޮތުގައި ބ. މުތާފުށި ހުޅުވަން ނިންމައިފި އެވެ.


ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ހޮސްޕިޓަލިޓީ ޑޮޓް ނެޓްގައި ބުނެފައި ވަނީ ބ. އަތޮޅުގެ ހުޅަނގު ދެކުނުގައި އޮންނަ މުތާފުށި ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަން ސެންޓާރާއިން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވެލް ލޭންޑް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އެ ރިސޯޓް ހިންގާނީ ސެންޓާރާ ގްރޭންޑް މުތާފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ ނަމުގަ އެވެ.

ކަނޑު އަޑީގެ ރެސްޓޯރަންޓަކާއި ފްލޯޓިން ސިނަމާއަކާ އެކު ހަދާ ރިސޯޓުގައި 24 ބީޗްވިލާ އާއި 77 ވޯޓާ ވިލާ އާއި ހާއްސަ ތައި ސްޕާއެއް ވެސް ހިމެނޭ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ސެންޓާރާގެ ސީއީއޯ ތިރަޔުތު ޝިރަތިވަތު ވިދާޅުވީ މުތާފުށި ހިންގަން ހަވާލުވީ ކުންފުނީގެ ވިޔަފާރި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެ ރިސޯޓު ހިންގަން ލިބުމަކީ އެ ކުންފުންޏަށް ހޯދޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުތާފުށި ތަރައްގީކުރަނީ ވެލް ލޭންޑާއި ޗައިނާގެ އޮރިއެންޓް އެސެޓް މެނޭޖްމަންޓް ހޮލްޑިން ލިމިޓެޑާ ގުޅިގެންނެވެ.

ވެލް ލޭންޑްގެ ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ސެންޓާރާ ފަދަ ކުންފުންޏަކުން މުތާފުށި ހިންގަން ހަވާލުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސެންޓާރާއިން ރާއްޖޭގައި އިތުރު ދެ ރިސޯޓް ޕްރޮޖެކްޓް ހިންގަން މި އަހަރުގެ ތެރޭގައި ސޮއިކުރާނެ ކަމަށް ދާދި ފަހުން ބުނެފައިވެ އެވެ.

ބެންކޮކް ޕޯސްޓްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީނިއަ ވައިސް ޕްރެޒިޑެންޓް ފޯ ބިޒްނަސް ޑިވެލޮޕްމަންޓް ސުޕްރަތު ޗިރަވަތު ވިދާޅުވީ ރާއްޖޭގައި އިތުރަށް އިންވެސްޓްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން އަމިއްލަ އިންވެސްޓްމަންޓަކާއި މެނޭޖްމަންޓް ޕްރޮޖެކްޓެއް ހިންގަން މި އަހަރުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައިލެންޑްގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިނުން ރާއްޖޭގައި މިހާރު ވެސް ދެ ރިސޯޓެއް ހިންގަ އެވެ. އެގޮތުން އދ. މައްޗަފުށީގައި ސެންޓާރާ ގްރޭންޑް އަދި ކ. ގިރާވަރުގައި ސެންޓާރާ ރަސްފުށިގެ ނަމުގައި ފަސް ތަރީގެ ރިސޯޓެއް ދަނީ ހިންގަމުންނެވެ. އެ ކުންފުނިން ދުނިޔޭގެ ދިހަ ގައުމެއްގައި 65 ހޮޓާ ހިންގަ އެވެ.