އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ ލިމިޓްލެސް ލާނިންގައި މި ރޯދަ މަހު ދަރިވަރުންނަށް އެންމެ ފުރިހަމައަށް ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ ޕްލެޓްފޯމުން ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
ލިމިޓްލެސް ލާނިން އިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން އެ ޕްލެޓްފޯމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކިޔަވައިދިނުމުގެ ވަގުތުތަކަށް ގެނައި ބަދަލު ކަމަށެވެ. އެގޮތުން އެ ޕްލެޓްފޯމުގެ ކިޔަވައި ދިނުމުގެ ވަގުތުތައް ދެ ދަންފަޅިއަކަށް ބަހާފައިވާ އިރު، ދުވާލުގެ ދަންފަޅީގެ ކްލާސްތައް ކުރިއަށް ގެންދަނީ މެންދުރު 1:35 އިން ފެށިގެން އިރުއޮއްސި 6 ޖަހަންދެނެވެ.
އެއީ ދަރިވަރުން ރެސްޓުކުރަން ވަގުތު ދިނުމަށް ފަހު، ކިޔެވުން ފެށޭނެ ގޮތަށް ހަމަޖައްސާފައިވާ ދަންފަޅިއެއް ކަމަށް ލިމިޓްލެސް ލާނިންއިން ބުންޏެވެ.
މި ޕްލެޓްފޯމުގައި ރޯދަ މަހު ރޭގަނޑު ކްލާސްތައް ޝެޑިއުލް ކޮށްފައި ވަނީ ތަރާވީސް ނަމާދަށް ވަގުތު ދިނުމަށް ފަހު، ރޭގަނޑު 8:30ގެ ފަހުންނެވެ.
ލިމިޓްލެސް ލާނިން އިން ބުނީ ދެ ދަންފަޅީގެ ކްލާސްތަކަކީ ދެ ކްލާސް ދެމެދުގައި ބޮޑެތި ބްރޭކްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކްލާސްތަކެއް ކަމަށެވެ. އެއީ ރޯދައަށް ހުންނަ އިރު ވަރުބަލިކަން އިހުސާސްވެ، ކިޔެވުމަށް ފޯކަސް ކުރަން ދަތި ނުވާނެ ފަދައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިވާ އިންތިޒާމެކެވެ.
ލިމިޓްލެސް ލާނިންއިން ބުނީ މި މަހު ދަރިވަރުންގެ ތައުލީމް ހާސިލްކުރުމުގެ ފެންވަރު ރަނގަޅުކުރުމަށް، ޓީޗަރުން ވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އެކި ގޭމުތަކާއި ކުއިޒްތައް ހިމަނާ، ކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޓަރެކްޓިވްކޮށް ކަމަށް ބުންޏެވެ. އޭގެ އިތުރުން ރޯދަ މަހު ކިޔެވުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހޯމްވޯކް ދޭ މިންވަރު މަދުކޮށް، ކްލާހުގައި ގިނަ މަސައްކަތްތައް ނިންމުމަށް ހިތްވަރުދީފައި ވާނެ ކަމަށް ބުންޏެވެ. މިއީ ކިޔެވުމުގެ މަސައްކަތްތައް ލުއިކޮށްދީ، ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށް ބުންޏެވެ.
ލިމިޓްލެސް ލާނިން އަކީ އޮންލައިންކޮށް ޓިއުޝަން ހިދުމަތް ދޭ ސެންޓަރެކެވެ. އެތަނުގެ ކްލާސްތަކަށް އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.