ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައި ހިއްސާދާރުންނަށް އެ ބޭންކުން ނޯޓިސް ފޮނުވައިފި އެވެ

ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ބާސެލޯ ނަސަންދުރާގައި އަހަރީ އާންމު ޖަލްސާ ބާއްވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން އެ ޖަލްސާ އަށް ހާޒިރުވެގެންނާއި އޮންލައިންކޮށް، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށް އެ ބޭންކުން މިއަދު ބުންޏެވެ.

ރާއްޖޭގެ އެންމެ ކަސްޓަމަރުން ގިނަ ބޭންކުގެ ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓަރީ ކުރެވޭނީ އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހު ހުޅުވާފައިވާ ޕްރީ ރަޖިސްޓަރީވުމުގެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ނުވައެއް ޖަހާއިރެވެ.

"ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ ނުހަނު މުހިންމު ދައުރެއް އަދާކުރެ އެވެ. އަދި ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި މި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ނިންމާފައިވާތީ، މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ހާއްސަ ގަރާރަކުން ކަމުގައި ވާތީވެ، ވީހާ ވެސް ގިނަ ހިއްސާދާރުން މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ މި ބޭންކުގެ ވަރަށް ބޮޑު އެދުމެކެވެ،" ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ  ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ. 

ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސންގެ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 

އެއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.

މިދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލާ  ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓު އިތުރުވެފައިވެ އެވެ. 

"މިއީ ބޭންކުގެ ހިދުމަތްތަކަށް އޮތް އިތުބާރާއި ހިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ،" ބީއެމްއެލުން ބުންޏެވެ.