ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ހޯދި ރެކޯޑު ފައިދާއާ އެކު، އެ ބޭންކުގެ ހިއްސާގެ އޮނިގަނޑަށް ގެންނަ މުހިންމު ދެ ބަދަލެއް ވަނީ އިއުލާނުކޮށްފަ އެވެ.
ބާސެލޯ ނަސަންދުރާގައި މިރޭ ބާއްވާ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހުށަހަޅާފައިވާ ފުރަތަމަ ބަދަލަކީ، ހިއްސާދާރުންގެ އަތުގައި މާޗު 18، 2026 އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50ރ. ގެ ކޮންމެ ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމެވެ.
ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް ބީއެމްއެލްގެ 100 ހިއްސާ އޮތް މީހަކަށް ދޫކުރާ އިތުރު 200 ހިއްސާއާ އެކު، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވުމެވެ.
ބީއެމްއެލްގެ ހިއްސާގެ އޮނިގަނޑަށް ގެންނަ ދެވަނަ އަދި އެންމެ މުހިންމު ބަދަލަކީ، "1 އިޒްޓު 10 ރޭޝިއޯ" އިން ހިއްސާ ބައިކުރުމެވެ. މި ނިސްބަތުން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާ އެކު، މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ އެވެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވެގެންދާނެ އެވެ.
ބީއެމްއެލްގެ ހިއްސާގެ ހަގީގީ ފައިދާ އާބަދީގެ ބޮޑު ބަޔަކަށް!
ކުންފުންޏެއްގެ ހިއްސާގެ އޮނިގަނޑަށް މި ގޮތަށް ގެނެވޭ ބަދަލަކީ، ހިއްސާގެ ބާޒާރުގައި އެ ކުންފުންޏެއްގެ ހިއްސާ އަލުން ބައްޓަން ކުރުމުގައި ބޭނުންކުރާ ވަރުގަދަ ސްޓްރެޓީޖިކް ބަދަލެކެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގައި ބީއެމްއެލް ފަދަ ގައުމީ ބޭންކެއްގެ ހިއްސާ އިންތިހާއަށް ބޮޑުއިރު، މިފަދަ ވަރުގަދަ ފިޔަވަޅެއްގެ އަސަރު މުޅި އިގްތިސާދަށް ކުރާނެ އެވެ.
ހިއްސާ ބަހާލުން ތަންފީޒު ކުރުމަށް ބީއެމްއެލް އިން ނިންމުމަކީ، ބޭންކުގެ ލިކުއިޑިޓީ އިތުރުކޮށް، އާންމުންގެ ބައިވެރިވުން ފުޅާކޮށް، ބޭންކުގެ މާކެޓް ލީޑަޝިޕް ވަރުގަދަ ކުރުމަށް ފަރުމާކޮށްފައިވާ ފުޅާ އަދި ހެޔޮ ފިޔަވަޅަކަށް ވާނެ އެވެ.
ބީއެމްއެލްއިން މި ގެންނަ ބަދަލާ އެކު، ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވެސް ގަބޫލުކުރައްވަނީ އެހެންވެ އެވެ.
ގިނަ ފަހަރަށް ހިއްސާގެ މޫނުމަތީ އަގު މަތިވުމަކީ، ކުދި އަދި ރީޓެއިލް އިންވެސްޓަރުންނަކަށް ހުރަހަކަށްވެ، އޭގެ ސަބަބުން ހިއްސާގެ ބާޒާރުގައި ހިއްސާ ގަނެ ވިއްކުމުގެ ވިޔަފާރި މަދުވެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަނިކު ވެސް ވަނީ އެކަން ފާހަގަކުރައްވައި، ބީއެމްއެލްގެ ހިއްސާ "1 އިޒްޓު 10 ރޭޝިއޯ" އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށް ޖެހޭ އަގު ހެޔޮވުމުން ހިއްސާ ގަނެ، ވިއްކާ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިސާލެއްގެ ގޮތުގައި، މިހާރު 100 ހިއްސާ އޮތް މީހެއްގެ ނަޒަރުން ވިސްނާނަމަ، ހިއްސާ ބައިކުރުމުން އޭނާގެ ހިއްސާ 3،000 އަށް އިތުރުވުމަކީ، އެ އިން ބައެއް ހިއްސާގެ ބާޒާރުގައި ވިއްކުމަށް ފަސްޖެހޭ މިންވަރު ކުޑަވާނެ ކަމަށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ދަށްވުމަކީ ހިއްސާ އަތްފޯރާ ފަށަށް އައިސް ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވާނެ ކަމެއް ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"ބީއެމްއެލްގެ މި ކޯޕަރޭޓް ނިންމުމާ ގުޅިގެން އަޅުގަނޑު މި ބަލަނީ ހިއްސާގެ މާކެޓް އަގު ވެސް ތިރިވެގެން ދާނެ ކަމަށް އަދި އާ ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ބޮޑުވެ، ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް" އައުޝަން ވިދާޅުވި އެވެ.
އޭގެ އަނެއް ކޮޅުން، ބީއެމްއެލް ފަދަ ބޭންކެއްގެ ހިއްސާގައި އިންވެސްޓުކުރަން އާންމު މީހާއަށް ވެސް ފުރުސަތު ފަހިވެގެންދެ އެވެ. ދަށް އެންޓްރީ ޕޮއިންޓަކުން އިންވެސްޓުކުރުމުގެ ފުރުސަތު ލިބުމަކީ، އާދައިގެ މުވައްޒަފުންނާއި ކުދި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އާބާދީގެ ބޮޑު ބަޔަކަށް ގައުމުގެ އެންމެ ބޮޑު މާލީ އިދާރާގެ މިލްކުވެރިކަމުގައި ހިއްސާވުން އިތުރުކުރުމެވެ.
ބީއެމްއެލްގެ ލިކުއިޑިޓީ އިތުރުވެ، ދެމެހެއްޓެނެވިކަން ކަށަވަރުކުރެވޭ!
އާންމުންގެ އިތުރުން، ހިއްސާގެ އޮނިގަނޑަށް ގެނެވޭ މި ބަދުލުގެ ހެޔޮ އަސަރު ބީއެމްއެލްއަށް ވެސް ކުރާނެ އެވެ.
ހިއްސާ ބަހާލައި، ހިއްސާއެއްގެ އަގު ހެޔޮކޮށްގެން ބީއެމްއެލްއަށް އިތުރު އިކުއިޓީ ލިބޭނެ ގޮތްވެ، ފުޅާ ދާއިރާއެއް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކޮށް، ހިއްސާގެ ބާޒާރުގައި ބީއެމްއެލްގެ ހިއްސާގެ ހަރަކާތްތެރިކަން އިތުރުވުމަކީ، ބީއެމްއެލްގެ ހަގީގީ އަގު ހާމަވެގެންދާނެ ކަމެކެވެ.
ހިއްސާތައް ލިކުއިޑް އަދި ގިނަ ބަޔަކަށް ހޯދުމުގެ ފުރުސަތު ފަހިވުމުން، ހިއްސާދާރުންގެ ރަޖިސްޓަރީ ފުޅާކޮށް، އިންވެސްޓަރުންގެ އަސާސް މާ ސްޓޭބަލް އަދި ޑައިވާސިފައިޑް ބޭސްއެއް އުފެދި، ހިރާސްތައް ކުޑަވެގެންދެ އެވެ.
ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީ މަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި ނަމަވެސް ހިއްސާގެ އަގު ދަށްވެއްޖެ ނަމަ ބޭންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވާނެ ކަމަށް މަނިކު ވެސް ގަބޫލުކުރައްވަ އެވެ.
"ބޭންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓް ވީމާ ހިއްސާގެ އަގު ދަށްވެފައި އެ ވިއްކަން ފެށީމާ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނަ އަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކޭ،" މަނިކު ވިދާޅުވި އެވެ.
މި ކުރިއަރާފައިވާ މާކެޓް ޕްރޮފައިލްގެ ސަބަބުން ބޭންކުގެ ކޯޕަރޭޓް އިމޭޖް އިތުރުވެ، މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތަކަށް އިތުބާރާއި ހިއްސާދާރުންނާ ރައްޓެހި ސިޔާސަތުތަކަށް ޔަގީންކަމެއް ލިބެ އެވެ.
މީގެ އިތުރުން، ޕޮޓެންޝަލް އިންވެސްޓަރުންގެ ބޮޑު ޕޫލަކީ މިހާރު ވެސް އެ ސްޓޮކަށް އަހުލުވެރި އަދި ހަރަކާތްތެރިވަމުންދާ ބަޔަކަށް ވާތީ، ކުރިއަށް އޮތް ތަނުގައި ކެޕިޓަލް ހޯދުމުގެ ހަރަކާތްތަކަށް ބީއެމްއެލް އަށް ފައިދާހުރި ގޮތަކަށް ބައްޓަން ކުރުމުގެ ފުރުސަތު ވެސް ފަހިވެ އެވެ.
މިކަމުގެ ޒާތަށް ބަލާއިރު، ހިއްސާ ބަހާލުމަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމެއް ނޫނެވެ. މިއީ ލިބެން ހުރި ފުރުސަތުތައް ގުނަ ކުރުމެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ތަރައްގީ އަށް، އާންމުންގެ މާލީ ބައިވެރިވުމަށް، އަދި ރާއްޖޭގެ އިގްތިސާދުގައި އިސް ލީޑަރެއްގެ ގޮތުގައި ބީއެމްއެލްގެ ދެމެހެއްޓެނެވިކަން ކަށަވަރު ކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ.