ހިއްސާދާރުންގެ މައްޗަށް ބިނާވެފައިވާ ކޮންމެ ކުންފުންޏެއް އަދި އިދާރާއެއްގެ ކޮންމެ އަހަރެއްގެ ކާމިޔާބީ، އާހިރުގައި މިނެކިރާނީ އެ ތަނަކުން ހާސިލުކުރާ މާލީ ކާމިޔާބީތަކުގެ މައްޗަށެވެ.

މި ބީދައިން ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަހަރުން އަހަރަށް ހާސިލް ކުރަމުން މާލީ ކާމިޔާބީތަކުގެ ސިލްސިލާ، މިދިޔަ އަހަރު ވެސް ވަނީ ވަރުގަދަ އަށް ދަމަހައްޓައިފަ އެވެ. 

މިދިޔަ އަހަރު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 9.8 ޕަސެންޓް އިތުރު އަދަދެކެވެ. 

ހަމައެކަނި މާލީ ކާމިޔާބީތަކުން ބީއެމްއެލްގެ ހިއްސާދާރުންނަށް ހިތްހަމަޖެހުން ގެނުވިޔަސް، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ތަރައްގީގައި ބީއެމްއެލްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑެވެ.

"ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެއް. ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުން ވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މި ވަނީ ސާބިތުކޮށްދީފައި،" މިދިޔަ އަހަރު ހޯދި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު އެ ބޭންކުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު އެ ބޭންކުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ.

ޝަރީފް އެ އިޝާރާތް ކުރެއްވި ފަދައިން، ޒަމާނީ ޑިޖިޓަލް ބޭންކިން އާއި ރާއްޖެ އަށް އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ދުވެލި އަވަސް ކުރުމުގައި، ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ ގިނަ ކާމިޔާބީތަކާ އެކު ބޮޑެތި ކުރިއެރުންތަކެއް ވެސް ހާސިލު ކޮށްފަ އެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގައި އިސް ނެގުން

ބީއެމްއެލް އިން މިދިޔަ އަހަރުގެ ފެށުން ފާހަގަކުރީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް އަމާޒު ހިފައިގެންނެވެ.

ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނަ އެވެ.

ގެދޮރުވެރިވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމިއްލަ އަށް ހަރަދު ކުރަންޖެހޭ މިންވަރު ނުވަތަ އިކުއިޓީ ބޮޑުވުމެވެ. މިކަމަށް ހައްލެއް ހޯދަދިދިނުމުގެ ގޮތުން ބީއެމްއެލް އިން ވަނީ އެޕާޓްމަންޓެއް ނުވަތަ ފްލެޓެއް ގަތުމަށް ބޭނުންވާ އިކުއިޓީ 20 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފަ އެވެ. މި އާއެކު، މިސާލަކަށް ތިން މިލިއަން ރުފިޔާގެ ގެއެއް ގަތުމަށް، ކުރިން ހަމަކުރަންޖެހޭ އަދަދު 600,000ރ. އިން 150,000ރ. އަށް ކުޑަވީ އެވެ.

މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން ގެދޮރު މަރާމާތްކުރުމަށް ފޯރުކޮށްދޭ ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުމާ އެކު، ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަނުން 45 މިލިއަން ރުފިޔާ އަށް އިތުރުކުރުމުގެ އިތުރުން މަޝްރޫއިން ލިބޭ އާމްދަނީ ބަލައިގަންނަން ވެސް ނިންމި އެވެ.

ދެން ބޭންކުން ގެނައި އަނެއް ބަދަލަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު ހެދުމަށް އިތުރު ރަހުނެއް ބޭނުން ނުވާ ގޮތަށް ހަމަޖައްސުމެވެ. އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް ދެވަނަ ނުވަތަ ތިންވަނަ ރަހުނެއް ބޭނުންވާ ގޮތަށް އޮތުމަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ ރަނގަޅު އާމްދަނީއެއް ލިބުނަސް ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވެދާ މައިގަނޑު އެއް ސަބަބުވެސްމެ އެވެ.

މި ބަދަލުތަކާ އެކު، ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިން ދޫކުރާ މާލީ އިދާރާގެ ލަގަބު ބީއެމްއެލް އިން މިހާރު ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދިނުމަށް ބީއެމްއެލް އިން ވަނީ ހައުސިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.

އޭގެ ފަހުން، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފެއްދި ސަބްސިޑިއަރީ ކުންފުންޏަކީ، އެ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

އެ ކުންފުނީގެ ދަށުން، އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އިމާރާތް ކުރުމުގެ ފަސް މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފަ އެވެ.

އަމިއްލަ ވިޔަފާރިތަކަށް ފަހި އަހަރެއް

ރާއްޖޭގެ އިގުތިސާދީ ތަރައްގީގައި އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމުގެ އަމާޒުގައި، ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ އެކި ސިނާއަތްތަކުން ބޮޑެތި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ.

ރިއަލް އެސްޓޭޓް، ގެސްޓް ހައުސް އަދި ވާކިން ކެޕިޓަލް ފައިނޭންސިން ޕްރޮޑަކްޓުތަކަށް މުހިންމު ބަދަލުތައް ގެނެސް، ވިޔަފާރިތައް ކުރިއަރައި ދިޔުމަށް ލުއި ގޮތްތަކެއް ބީއެމްއެލްއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހަމަޖައްސައިދީފަ އެވެ.

ބީއެމްއެލްގެ ހޯމް ޕާޗަސިން ލޯނަށް ލުއިތަކެއް. --ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ހޯމް ޕާޗަސިން ލޯނަށް ލުއިތަކެއް. --ފޮޓޯ: ބީއެމްއެލް

ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ވިޔަފާރިތަކުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމުގެ ގޮތުން، ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ހިންގާ އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް 30 ފަސެންޓު ޑޮލަރު ސަޕޯޓު ވަނީ ދޭން ފަށައިފަ އެވެ.

މީގެ އިތުރުން، ދިވެހި ކުންފުނިތަކުން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ކަރަންސީން ބޭންކިން މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ފަހިކޮށްދީފަ އެވެ. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އަދި ޗައިނީސް ޔުއާނުން އެކައުންޓު ހުޅުވުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔުމަކީ އެ ދެ ގައުމާއެކު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) އެއް ޕަސެންޓަށް ވަނީ ކުޑަކޮށްދީފަ އެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ހިދުމަތް 2000 ވަނަ އަހަރު ތައާރަފުކުރި ފަހުން 2.5 ޕަސެންޓު ހިފަހައްޓަމުން އައި ރޭޓު ކުޑަކުރުމުގެ ސީދާ ފައިދާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ވަނީ ކޮށްފަ އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް، މަސްވެރިކަން ކުރިއެރުވުމަށްޓަކައި، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީ އަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ވެސް ބީއެމްއެލްއިން ވަނީ ފަހިކޮށްދީފަ އެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000ރ. އާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގޭނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމަޖައްސައިދިން އިންތިޒާމުގެ ތެރެއިން، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވެސް ބީއެމްއެލްއިން ވަނީ ފަހިކޮށްދީފަ އެވެ.

ނަމަވެސް، ދިވެހި ވިޔަފާރިތަކަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ހިއްސާ ބީއެމްއެލް އިން ގަތުމެވެ.

އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ބަދަލުކޮށް، އަލަށް ފަށާ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ފަށައިގެން ދަނީ ކުރެވެމުންނެވެ.

މުޅި ރާއްޖެ އަށް ބީއެމްއެލްގެ ހިދުމަތް

ބީއެމްއެލް އިން ހިންގި 'މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު މިދިޔަ އަހަރުގެ ތެރޭގައި ކާމިޔާބުކަމާ އެކު ނިންމާލުމަކީ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ވަގުތަކު އަސާސީ ބޭންކިން ހިދުމަތް ލިބޭނެ އެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އަދި އެންމެ ނުވަ މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފަ އެވެ. މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެކެވެ.

ޑިޖިޓަލް ބޭންކިންގެ ދުވެލި އަވަސްވި

ޒަމާނާ އެއްގޮތަށް ބީއެމްއެލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ދުވެލި، މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެތައް ގުނައަކުން އަވަސްކޮށް، މުހިންމު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މިގޮތުން، ބޭންކަށް ނުގޮސް އޮންލައިންކޮށް ބެންކުގެ ހުރިހާ ހިދުމަތަކަށް އެދި ހުށަހަޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިހާރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކައުންޓު ހުޅުވުމާއި ހުރިހާ ލޯނުތަކަށް ހުށަހެޅުމާއި ޓީޓީ އަދި އެ ނޫން ވެސް ބެންކިން ހިދުމަތްތަކަށް އެދި ހުށަހެޅުން ވަނީ ބޭނުން ވަގުތަކު ބެންކަށް ނުގޮސް ކުޑަ ވަގުތުކޮޅެއް ތެރޭ ހުށަހަޅާލެވޭ ހިދުމަތްތަކަކަށް ބަދަލުކޮށްފަ އެވެ.

ބީއެމްއެލްއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ، ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް ޕޭއެމްވީ ކިއުއާރުގެ ހިދުމަތް ފަށައިފަ އެވެ.

މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ ގޮތް ވަނީ ފަހިވެފަ އެވެ.

ބީއެމްއެލްގެ ސްޓޫޑެންޓް ކާޑު ތައާރަފްކުރުން. --ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސްޓޫޑެންޓް ކާޑު ތައާރަފްކުރުން. --ފޮޓޯ: ބީއެމްއެލް

ނަމަވެސް، މިދިޔަ އަހަރު އެންމެ ފާހަކުރެވޭ ކާމިޔާބީއަކީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު، އަވަހަށް އަދި ރައްކާތެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭ ގޮތަށް ބީއެމްއެލްއިން "ސްވައިޕް"ގެ ނަމުގައި ތައާރަފްކުރި މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެވެ.

ސަތޭކަ ޕަސެންޓު ދިވެހި އުފެއްދުމެއް ކަމަށްވާ ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެން ވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ އެވެ.

ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްގެ އިތުރުން، މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.