ގައުމީ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ނިމޭއިރު އާންމުކުރާ މާލީ ހިސާބުތަކުގައި އެ އަހަރަކު ރާއްޖޭގެ މުޅި އިގްތިސާދީ ހާލަތު ވަޒަންކޮށްލެވެ އެވެ.

ރާއްޖޭގެ މާލީ އޮނިގަނޑުގެ ބިންގާގެ ގޮތުގައި ރާއްޖޭގެ އިގްތިސާދާ އޮންނަ ސީދާ އަދި ފުޅާ ގުޅުން އެ ބޭންކުގެ ކޮންމެ އަހަރީ ރިޕޯޓަކުން ސާފުކޮށް ބަޔާންކޮށްދެ އެވެ. 

ބޭންކިން ދާއިރާގެ ޖުމްލަ އެސެޓްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު މާކެޓުގެ ހިއްސާ ބީއެމްއެލް އިން ކުރާއިރު، ރާއްޖޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު ބޭންކަށް ވެސް ކުރެ އެވެ. 

ފަހުގެ ތާރީހެއްގައި ދިވެހި އިގްތިސާދު އެންމެ ދަށަށް ދިޔަ ކޮވިޑު-19 ބަލިމަޑުކަމުގެ ބީއެމްއެލްގެ މާލީ ހާލަތު ވެސް ދަށަށް ދިޔުމަކީ އެކަން އިތުރަށް ދަލީލުކޮށްދޭ ކަމެކެވެ.

ބީއެމްއެލް އާއި އިގުތިސާދާ އޮތް ގުޅުން ދައްކުވައިދޭ ގްރާފެއް.
ބީއެމްއެލް އާއި އިގުތިސާދާ އޮތް ގުޅުން ދައްކުވައިދޭ ގްރާފެއް.

ބީއެމްއެލް އާއި ރާއްޖޭގެ އިގްތިސާދާ ގުޅޭ މިންވަރު ހުރީ ވަރަށް ވަރުގަދަ އަދި ޕޮޒިޓިވް ކޯރިލޭޝަނެއްގަ އެވެ. ޕޮޒިޓިވް ޕާފެކްޓް ކޯރިލޭޝަން ކަމަށްވާ 1+ އާ އަޅާބަލާއިރު، ރާއްޖޭގެ އިގުތިސާދާއި ބީއެމްއެލްގެ ކޯރިލޭޝަން ކޯއެފިޝަންޓު ހުރީ 0.96 ގަ އެވެ. 

މާލީ އަދަދުތަކުން މި ގުޅުމަށް އިތުރަށް ބަލާއިރު، ބީއެމްއެލްގެ ޖުމްލަ އެސެޓުތައް މުޅި ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 38 ޕަސެންޓު ތަމްސީލުކުރެ އެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ އެސެޓުތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 15 ޕަސެންޓުން އިތުރުވެ، 55.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. 

ސިނާއަތްތަކަށް ބޭނުންވާ މާލީ ހަކަތަ

މި ބީދައިން ބަލާއިރު، މިދިޔަ 2025 ވަނަ އަހަރު، ބީއެމްއެލް އިން ހޯދާފައިވާ ކޮންމެ މާލީ ކުރިއެރުމަކުން، ރާއްޖޭގެ އިގުތިސާދީ ސިއްހަތުގެ ދުޅަހެޔޮކަން ވަޒަން ކުރެވެ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެ އެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރުވުމެކެވެ. އަދި ޖުުމްލަ ލޯނު ޕޯޓްފޯލިއޯގެ ނިސްބަތްވެސް ވަނީ 25 ޕަސެންޓުން އިތުރުވެ، 25 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.

މި ފައިސާ ވަދެފައިވަނީ ގައުމީ ތަރައްގީ ފައިނޭންސް ކުރުމަށެވެ. ޓޫރިޒަމާއި މަސްވެރިކަމާއި ކުދި ވިޔަފާރިތައް ފަދަ މުހިންމު ދާއިރާތަކަށް ބޭނުންވާ މާލީ ހަކަތަ ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު ވެސް ފޯރުކޮށްދީފަ އެވެ. 

މި ކްރެޑިޓް އިންޖެކްޝަން ސީދާ ގުޅިފައިވަނީ އިގްތިސާދީ ކުރިއެރުމާއި އާ ރިސޯޓް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާއި ލޯކަލް ވިޔަފާރިވެރިންނަށް އެހީތެރިވުމާއި މަސްވެރިކަމުގެ އެކްސްޕޯޓް ބާރުވެރި ކުރުވުމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު ވެސް އާންމު ފަރުދުންނާއި އަމިއްލަ ވިޔަފާރިތަކުގެ ބޭނުންތަކަށް ބީއެމްއެލްއިން ޑޮލަރު ދޫކުރި މިންވަރު ވެސް މިދިޔަ އަހަރު ވަނީ އެތައް ގުނައަކުން އިތުރުވެފަ އެވެ.

މިގޮތުން، 2024 ވަނަ އަހަރު ޑޮލަރު ސަޕޯޓުގެ ގޮތުގައި 333.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 565.5 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް 70 ޕަސެންޓަށް ވުރެ ބޮޑު އިތުރުވުމެކެވެ. 

ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދެމެހެއްޓުން

މިދިޔަ އަހަރުގެ ތެރޭގައި، ބީއެމްއެލްގެ ވިޔަފާރި އާއި އިންވެސްޓުމަންޓުތައް އިތުރު ކޮށްފައިވާއިރު، ކަސްޓަމަރުންނާއި ބޭންކުގެ ހިއްސާދާރުންގެ ފައިދާ އާއި އިތުބާރަށް ކުޑަވެސް ހީނަރުކަމެއް އައިސްފައެއް ނުވެ އެވެ.

މިދިޔަ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ 16 ޕަސެންޓް އިތުރުވި އެވެ.

ވަރަ އެކްސްޕޯގެ ބީއެމްއެލްގެ ސްޓޯލަށް ރޭ ޒިޔާރަތްކުރި މީހަކަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ.---ފޮޓޯ: ބީއެމްއެލް
ވަރަ އެކްސްޕޯގެ ބީއެމްއެލްގެ ސްޓޯލަށް ރޭ ޒިޔާރަތްކުރި މީހަކަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ.---ފޮޓޯ: ބީއެމްއެލް

ކަސްޓަމަރުންގެ އިތުރުން ބޭންކުގެ ހިއްސާދާރުންނަށް ވެސް މިދިޔަ އަހަރަކީ ރެކޯޑު ފައިދާއެއް ލިބުނު އަހަރެކެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އޭގެ ކުރީ އަހަރަށް ވުރެ 9.8 ޕަސެންޓް އިތުރު އަދަދެކެވެ. ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 56 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބީއެމްއެލްއަށް 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރު ބޭންކުގެ ފައިދާ ވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެއާއެކު، ބީއެމްއެލްގެ ހިއްސާދާރުންނަށް ބޯނަސް ޝެއާ ދޫކުރަން ނިންމައި، އަދި އެ ބޭންކަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް 323 މިލިއަން ރުފިޔާ ބެހުމަށް އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލްއަށް އިތުރުވި ޑިޕޮސިޓްތައް އުފެއްދުންތެރި އިންވެސްޓްމަންޓްތަކަށް ޗެނަލްކޮށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ހަރަކާތްތައް ފަހިކޮށްދީގެން،  ބީއެމްއެލްގެ ވިޔަފާރި ފުޅާވުމާއި މާލީ ހަރުދަނާކަމަކީ، ރާއްޖޭގެ އިގްތިސާދުގެ ދެމެހެއްޓެނިވި ކުރިއެރުމާއި ވިލުންތެރިކަމާ ވަކިނުކުރެވޭނެ މުހިންމު ހިއްސާއެކެވެ.