ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ސަރުކާރުން އަނބުރާ ދެއްކުމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ބޭންކުން ވެސް މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން އެކަން ސާފުކޮށްދިންއިރު، ޓީބިލްގެ 50 މިލިއަން ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު އަނބުރާ ދެއްކީ ބީއެމްއެލްގައި ހުރި ފައިސާއިން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދުގެ އެ ވާހަކަތައް ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނިގޮތުގައި 50 މިލިއަން ޑޮލަރުގެ ޓީބިލް އަނބުރާ ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންނެވެ.
އެސްޑީއެފަކީ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.
ޓީބިލް އަނބުރާ ދެއްކުމާއި ބީއެމްއެލްއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދުދީ، އެ ބޭންކުން މިއަދު ބުނީ، އެ ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާއި ފައިސާ ދެއްކުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރު ކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރާ ކަމަށެވެ.
"މި ފެތުރެމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެކެވެ. ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތެވެ،" ބަޔާނުގައި ވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، 50 މިލިއަން ޑޮލަރުގެ ޓީބިލް އަނބުރާ ދެއްކުމަށް އެ ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައެއް ނުވެ އެވެ.
ބީއެމްއެލް މާލީ ގޮތުން ވަރުގަދަ
ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ އަދި ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކާއި ހަރުދަނާ ގަވަނަންސާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެއް ކަން ވެސް އެ ބޭންކުން ފާހަގަކުރި އެވެ.
"ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން ދަނީ މެދުނުކެނޑި މޮނިޓަ ކުރަމުންނެވެ. ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތެކެވެ،" ބީއެމްއެލްގެ ބަޔާނުގައި ސާފުކޮށްދިނެވެ.
"އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން އަރުވަ އެވެ."
މާލީ ހާލަތަށް ބަހުސް ކުރަންވީ، އެކަމަކު ފަތުރަންވީ ކަށަވަރު ވާހަކަތައް
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނީ، ގައުމުގެ މާލީ ނިޒާމާ ގުޅުން ހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެކަމަކު، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެއްކެވޭ ވާހަކަތަކަކީ ކަސްޓަމަރުންގެ އިތުބާރާއި ހިއްސާދާރުންގެ މަސްލަހަތާއި މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށް ވާތީ، އެފަދަ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ބުންޏެވެ.
ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ރޭ ބުނީ، 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.
މި ދަރަނި ދެއްކީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އެންމެ ފަހު 50 މިލިއަން ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު މިހާރު ހުރި އިރު 50 މިލިއަން ޑޮލަރުގެ "ދަރަނި ދެއްކުމުގެ ސަބަބުން، ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް" ވާހަކަތަކެކެވެ.