ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. 

ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާއަކީ 631 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 27 ޕަސެންޓުގެ ކުރިއެރުމެކެވެ. 

"2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ،" ބީއެމްއެލުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ. 

ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުގެ ޖުމުލަ އާމްދަނީ 1.24 ބިލިއަން ރުފިޔާ އަށް އިތުރުވީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީ އާއި ފީ އާއި ކޮމިޝަންގެ އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ މިދިޔަ ތިން މަހު ލިބުނެވެ. އަދި ބޭންކު ހިންގުމުގެ ހަރަދުތައް ވަރަށް ބަލައިގެން މެނޭޖު ކުރުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ހަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 ޕަސެންޓުން 24 ޕަސެންޓަށް އިތުރަށް ރަނަގަޅު ވެފައި ކަމަށް ބީއެލްއެމުން ބުންޏެވެ.

"މީގެ އިތުރުން އައިއެފްއާރްއެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުންނެވެ."

ބީއެމްއެލްގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ބައެއް ކާމިޔާބީތައް:

  1. ފުރަތަމަ ކުއާޓާ ނިމުނުއިރު ޖުމުލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާ އަށް އަރާފައި. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެއް. އަދި މިއީ ބީއެމްއެލްގެ ތާރީހުގައި ޖުމުލަ އެސެޓް 60 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރު.
  2. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު 40.7 ބިލިއަން ރުފިޔާ އަށް އިތުރުވި. މީގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ދައުރު ބޮޑ
  3. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައި.

ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ވެސް ވަނީ ވަރުގަދަ ހިސާބެއްގައި ހިފެހެއްޓިފަ އެވެ.

"މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭ ގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ." އެ ބޭންކުން ބުންޏެވެ.

މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތަފާތު ސިނާއަތްތަކަށް ބީއެމްއެލުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯން ދޫކުރި ކަމަށް އެ ބޭންކުން އާންމުކުރި މައުލޫމާތުތަކުގައި ވެ އެވެ.

އެ ލޯނުތަކުގެ އިތުރުން މި މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާ އެކު، މި އަހަރު ދޫކުރި އާ ލޯނުތަކުގެ އަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައި ކަމަށް ބުންޏެވެ.

"މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހައްމިއްޔަތެވެ."