ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާދާރުންނަށް 323 މިލިއަން ރުފިޔާ ބެހުމަށް މިރޭ ފާސްކޮށްފި އެވެ.

މިރޭ ބޭއްވި ބީއެމްއެލްގެ 43 ވަނަ އަހަރީ ޖަލްސާގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 60ރ. ބެހުމަށެވެ. 

މިއީ ބީއެމްއެލްގެ ތާރީހުގައި މިހާ ބޮޑު ފައިދާއެއް ހިއްސާދާރުންނަށް ދިނުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.

ބީއެމްއެލްގައި މިވަގުތު 6،148 ހިއްސާދާރުން އެބަތިއްބެވެ. އޭގެ ތެރޭގައި 5،999 އާންމު ހިއްސާދާރުންނާއި 152 ކައުންސިލް އިދާރާ ހިމެނެ އެވެ. އެ ބޭންކްގެ 51 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގަ އެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ ހަތް ޕަސެންޓް ހިއްސާ އޮތްއިރު އެމްޓީސީސީގެ ހަތަރު ޕަސެންޓް ހިއްސާ ވެސް އެ ކުންފުނީގައި އެބައޮތެވެ.

ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ  ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ. 

ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސންގެ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 

އެއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.

މިދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓު އިތުރުވެފައިވެ އެވެ.