ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާތަކަށް ގެންނަ ބަދަލާ އެކު، ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބީއެމްއެލްގެ ހިއްސާ "1 އިޒްޓު 10 ރޭޝިއޯ" އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށް ޖެހޭ އަގު ހެޔޮވުމުން ހިއްސާ ގަނެ، ވިއްކާ މިންވަރު އިތުރުވާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ މަނިކު ވިދާޅުވި ގޮތުގައި ހިއްސާގެ ބާޒާރަށް ފަހި ބަދަލުތަކެއް އައުމެވެ.
ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީ މަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި ނަމަވެސް ހިއްސާގެ އަގު ދަށްވެއްޖެ ނަމަ ބޭންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
"ބޭންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓް ވީމާ ހިއްސާގެ އަގު ދަށްވެފައި އެ ވިއްކަން ފެށީމާ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނަ އަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކޭ،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލިސްޓު ކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލް އިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެކެވެ. އޭގެ ސަބަބުން އާންމުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ދަށްވުމަކީ ހިއްސާ އަތްފޯރާ ފަށަށް އައިސް ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވާނެ ކަމެއް ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ހިއްސާ ބާޒާރުގެ ތާރީޚަށް ބަލާއިރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތައް ގިނަ ކަމަށާއި ނަމަވެސް ހިއްސާ ވިއްކަން ބޭނުންވާ މީހުން މަދުކަން ފާހަގަކޮށް އައުޝަން ވިދާޅުވީ، ބީއެމްއެލްގެ މި ނިންމުމާ ގުޅިގެން ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރު ވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެހެންކަމުން މާކެޓްގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވާނެ ކަމަށް އައުޝަން ވިދާޅުވި އެވެ.
މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ބީއެމްއެލްގެ 100 ހިއްސާ އޮންނަ މީހަކު އޭނާ އަށް ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭތީ އެ ވިއްކާލަން ބޭނުން ނުވާ ކަމަށާއި އެހެނަސް ބަދަލާ އެކު، އެ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ ކަމަށެވެ.
އެހެންކަމުން އޭގެ ތެރެއިން ބައެއް ވިއްކުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
"ބީއެމްއެލްގެ މި ކޯޕަރޭޓް ނިންމުމާ ގުޅިގެން އަޅުގަނޑު މި ބަލަނީ ހިއްސާގެ މާކެޓް އަގު ވެސް ތިރިވެގެން ދާނެ ކަމަށް އަދި އާ ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ބޮޑުވެ، ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް" އައުޝަން ވިދާޅުވި އެވެ.
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލު
- ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް'( 18 މާޗު 2026)އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ އެއް ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާ އަށް ހުށަހަޅާފައި. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
- ދެން އޮތީ "1 އިޒްޓު 10 ރޭޝިއޯ" ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއަކަށް ޖެހޭ އަގު ދަށްކުރުން. މި ރޭޝިއޯ އިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާ އެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ.
- އެއާ އެކު، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާ އިން ފަސް ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ.
ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ:
• އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން.
• ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން.
• މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން.
• މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން.
• ހިއްސާގެ އަގު ކުޑަވުމާ އެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރު ލިބި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވާނެ.