ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކު މިންގަނޑުތަކާ ހިލާފުވެ، އެ މިންގަނޑުތަކަށް ވުރެ އިތުރަށް ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުގައި އިންވެސްޓުކޮށްފައި ނުވާނެ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރުގެ ޓީބިލާއި ޓީ ބޮންޑުތަކުގައި އިންވެސްޓް ކޮށްފައިވާ އަދަދު 15.4 ބިލިއަން ރުފިޔާ އަށް ވަނީ އަަރައިފަ އެވެ.
އެއީ 2024 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބީއެމްއެލް އިން 2024 ވަނަ އަހަރު ވަނީ ސަރުކާރުން އިޝޫކުރި 13.2 ބިލިއަން ރުފިޔާގައި އިންވެސްޓްކޮށްފަ އެވެ.
ސަރުކާރުގެ ޓީބިލްގެ އިތުރުން ރިވާސް ރީޕާޗޭސް އާއި ކޯޕަރޭޓް ބޮންޑާއި ވަކާލާ އިންވެސްޓްމެންޓްތަކުގައި ޖުމްލަ 20 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އެއީ 2024 ވަނަ އަހަރަށް ވުރެ ހަ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ، ސަރުކާރުގެ ޓީ ބިލާއި ބޮންޑުތަކުގައި ބޭންކުން އަބަދުވެސް އިންވެސްޓުކުރާ ކަމަށެވެ.
މިގޮތުން، 2024 އަށް ވުރެ އިންވެސްޓުކުރި އަދަދު މިދިޔަ އަހަރު އިތުރުވެފައި ވިޔަސް، ބޯޑުން ކަނޑައަޅާފައިވާ ރިސްކު މިންގަނޑުތަކާ ހިލާފުވެފައި ނުވާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.
"ދިވެހި ސަރުކާރުގެ ޓްރެޝަރީ ބިލުތަކާއި ބޮންޑުތަކަށް ބޭންކުން ކޮށްފައިވާ އިންވެސްޓުމަންޓުތައް އަބަދުވެސް މި ހުންނަނީ ކެޕިޓަލް އަށް ބަލައި، ގާތްގަނޑަކަށް އެއް މިންގަނޑެއްގައި،" އޭނާ ވިދާޅުވި އެވެ.
"މިގޮތަށް، ޓީބިލުގައި އިންވެސްޓުކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކު އެޕެޓައިޓް މިންގަނޑުތަކާ އަޅުގަނޑުމެން އެއްވެސް އިރެއްގައި ހިލާފެއް ނުވަން."
ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކުން އާންމުކޮށް އިންވެސްޓުކުރަނީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތުގެ ޓީބިލުގަ އެވެ. އެހެންކަމުން، ކުރީ އަހަރު ޓީބިލުގައި އިންވެސްޓު ކޮށްފައި ހުރި އަދަދުތައް ރޯލްއޯވާ ވަމުންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު ޓީބިލާއި ބޮންޑުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދަކީ ރޯލްއޯވާކޮށްފައިވާ ހުރި ޓީބިލުތަކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިއީ މުޅިން އަލަށް އިންވެސްޓު ކޮށްފައިވާ ޓީބިލުތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޓީބިލުތަކުގައި އިންވެސްޓު ކޮށްފައިވާ ފައިސާގެ ތެރެއިން 192.8 މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ، ޑޮލަރު ޓީބޮންޑަކަށް ބަދަލުކުރުން ހިމެނޭކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
މިއީ ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) ނުވަތަ ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓަށް އަންނަ ހިރާސް ކުޑަކުރުމަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މާލީ ގޮތުން ރެކޯޑު އަހަރެއް!
ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި ނަތީޖާއަކީ، މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.
މިދިޔައަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ބޭންކުގެ 43 އަހަރުގެ ތާރީހުގައި އެންމެ ގިނައިން ސާފު ފައިދާ ލިބުނު އަހަރެވެ.
ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އެއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.
މިދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލާ ގުޅ، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓު އިތުރުވެފައިވެ އެވެ.