ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް، އަގުވަޒަން ކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި ވަނީ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފަ އެވެ.

ދިރާގުން ބުނީ މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ހަފުލާއެއް ކަމަށެވެ.

 އެ ހަފުލާގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި އިސް ވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

މި ފަހަރުގެ ހަފުލާގައި ވަނީ ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް 88 މުވައްޒަފަކަށް އެވޯޑް ދީފަ އެވެ.

އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް އެވޯޑް ދިނެވެ. އަދި މިދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފަކަށް ވެސް ވަނީ އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް، 14 ޑިވިޝަނަލް މެރިޓް އެވޯޑް، 10 ސްޕެޝަލް މެރިޓް އެވޯޑް އަދި ތިން ޕްރޮޖެކްޓަކުން އަށް މުވައްޒަފުންނަށް ވަނީ އިނޮވޭޝަން އެވޯޑް ދީފަ އެވެ.

އެ ހަފްލާގައި ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު 'ޗެއާޕާސަންސް އެވޯޑު' ހާސިލްކުރީ ކޮންސިއުމާ ސާވިސަސްގެ ހަލަފް މުހައްމަދު ނާފިޒެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މަސައްކަތުގެ މައިދާނަށް ނުކުތް ހަލަފަކީ، މިއަދު އެ ކުންފުނީގައި ހީވާގިކަމާ އެކު، މަސައްކަތް ކުރަމުން އަންނަ ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރޭ މުވައްޒަފެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. ދިރާގުން ބުނީ އޭނާ އަކީ ބާޒާރުގެ ބޭނުންތަކަށް އަވަހަށް އިޖާބަދީ، މި މަސައްކަތްތައް އިތުރަށް ހަލުވި ކުރެވޭނެ ޕްލެޓްފޯމެއް ތަސައްވުރުކޮށް، އެ ޕްލެޓްފޯމް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޕްލެޓްފޯމްގެ އެހީގައި ކުންފުންޏައް އިތުރު ފައިދާތައް ހޯދައިދީފައި މުވައްޒަފެއް ކަމަށެވެ.

ދިރާގަކީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރާ ކުންފުންޏެކެވެ.