ހަރަދުކުޑަކުރަން މިފްކޯގެ ރަސްމީ ވަގުތު މާދަމާއިން ފެށިގެން ކުރުކުރަން ނިންމައިފި އެވެ.
އެ ކުންފުނީގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޝިފްޒާ މުސްތަފާ "މިހާރު"އަށް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން މެނޭޖްމަންޓުން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ރަސްމީ މަސައްކަތު ގަޑި ކުރުމާއި އިތުރު އެހެން ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.
ޝިފްޒާ ވިދާޅުވީ އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކޮށްލިޔަސް، އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނީ މެންދުރު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެންނެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން، ތެލަށް ހިނގާ ހަރަދު ކުޑަކުރަން މަސައްކަތު މާހައުލާއި އެކޮމޮޑޭޝަނާއި ކަރަންޓީން އަދި އާއްމު ތަންތަނުގައި އެއާ ކޮންޑިޝަނާއި ލައިޓް އަދި ކަރަންޓް ސާމާނު ބޭނުންކުރުން މަދުކުރަން، މުވައްޒަފުންނަށް ނަސޭހަތްތެރިވުމަށް ވަނީ އެދިފަ އެވެ.
މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް
- ގޭގައި މަސައްކަތްކުރާނެ ވަސީލަތް ތިބި މުވައްޒަފުން އޮފީސް ގަޑީގެ އިތުރަށް ގޭގައި މަސައްކަތްކުރުން
- ހެޑް އޮފީހުގެ ހުއްދަ ވަކިން ހޯދުމަށްފަހު މެނުވީ ދަތުރުތައް ކުރުން ހުއްޓާލުން