މިދިޔަ ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" ޕްރޮގުރާމުގެ ދަށުން، ދިރާގުން ހަދިޔާކުރި 180،000ރ. އާއި ރޯދަ މަހު ދިރާގު ޕޭ މެދުވެރިކޮށް އާންމުންގެ ފަރާތުން ލިބުނު އެހީ ހިމެނޭ ގޮތަށް 213،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދިރާގުން ދީފި އެވެ.
މިދިޔަ ރޯދަ މަހު ދިރާގުން އެކި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބެހި އެވެ. އެ ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން 1,000 މީލް ޕެކް ހަދިޔާކުރި އެވެ. އަދި ދިރާގުޕޭ މެދުވެރިކޮށް އެ ހަރަކާތުގެ ބައިވެރިވުމުގެ ފުރުސަތު ދިނެވެ. މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވި އެވެ.
ރޯދަ މަހު ދިރާގުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން 'މަމްސް އެއިޑް'އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް ޓު އަ ފެމިލީ' ކެމްޕެއިންގެ ދަށުން އެހީ ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު އެ ހަރަކާތަށް ދިރާގުން ވެސް ވަނީ 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ ކެއާ ބާސްކެޓުތަކެއް ހަދިޔާކޮށްފަ އެވެ. މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް ވަނީ އިސްކަން ދީފަ އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް މަސައްކަތް ކުރަމުންނެވެ.