މިހާތަނަށް ޝެޑިއުލާ އެއްގޮތަށް އޮމާނުން ތެލުގެ ޝިޕްމަންޓްތައް ލިބެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މިހާރު އޮތް ހާލަތުގައި ހަރަދު ކުޑަކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ވެސް އަޅަމުން ގެންދާ ކަމަށާއި އެ ފިޔަވަޅުތައް އަޅަމުން ދާނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށެވެ.

ޒަމީރު ވިދާޅުވީ، ތެލާއި ގޭސް ރާއްޖެއަށް ގެންނަން މުހިއްމު އިސްކަމެއްދީގެން، ކުރިން ގެންނަ ޝެޑިއުލްގެ ބޭރުން އިތުރަށް ވެސް ތެޔޮ ގެންނަ އަންނަ ކަމަށެވެ.

މިވަގުތަށް ދަތިކަމެއް ނެތި ތެލާއި ގޭހުގެ އިމްޕޯޓުކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކުރިއަށް ގެންދެވޭނެ. ތެލުގެ އަގު ބޮޑުކުރަން ޖެހޭ. ކުރިން ވެސް ކޮންމެވެސް ވަރަކަށް ބޮޑުކޮށްފައި ހުރީ. ހަގީގަތުގައި މިވާގޮތަކީ ރާއްޖޭގައި މި އިމްޕޯޓުކުރާ ހުރިހާ ތެލަކީ އެސްޓީއޯއިންނެއް ނޫން ގެންނަނީ. އަމިއްލަ ފަރާތްތަކުން އިމްޕޯޓުކުރާ އިރު ތެލުގެ އަގު ބޮޑު ނުކޮށްފި ނަމަ އެ މީހުންނަށް ވިޔަފާރީގައި ނުތިބެވޭނެތީވެ، އެއާ ވެސް އެއްކޮށް އަޅުގަނޑުމެން އެބަޖެހޭ ތެލުގެ އަގު ބޮޑުކުރަން
ޒަމީރު

ޒަމީރު ވިދާޅުވީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ތެލުގެ އަގަށް ދުނިޔޭގެ ބާޒާރުގައި ހެޔޮ ބަދަލުތަކެއް އަދި ނާންނަ ކަމަށެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ހަނގުރާމައާ ހެދި ލަންކާގައި ތާށިވެފައިހުރި ކޮންޓެއިނާތައް އަވަހަށް ގެންނަން ކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު، ލަންކާގައި ހުރި 4،200 ކޮންޓެއިނާގެ ތެރެއިން ގިނަ އަދަދެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ މިވަގުތު ލަންކާގައި ހުރީ އޭގެ ތެރެއިން 1،740 ކޮންޓެއިނާ ކަމަށެވެ.

މިވަގުތު މާލޭ ބަނދަރުގައި، އޮތް އުޅަނދުގައި އެބައޮތް 1،200 ކޮންޓެއިނާގެ މުދާ. ދެން މިހަފްތާ ތެރޭގައި 2،500 ކޮންޓެއިނާ މާލެއަށް އައުމަށް ހަމަޖެހިފައިވަ އިރު 12 އޭޕްރީލަށް 500 ކޮންޓެއިނާގެ މުދާ، އަދި 13 އޭޕްރީލްގައި އަނެއްކާ ވެސް 500 ކޮންޓެއިނާ، 14 އޭޕްރީލްގައި 1،000 ކޮންޓެއިނާގެ އިތުރަށް 500 ޓީޔޫގެ އުޅަނދެއް ވެސް އަންނާނެ،
ސައީދު

ސައީދު ވިދާޅުވީ، ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނާތައް ކްލިއާވަމުން އަންނަ އިރު މިއަހަރު ރާއްޖޭގެ އިމްޕޯޓު ވެސް 19 ޕަސެންޓް އިތުރު ކަމަށެވެ. އެހެންވެ، އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމާ އެކު އެއާކާގޯ ގެނައުމުގައި ވެސް އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާލަތުގައި އިތުރަށް ލުއިގޮތްތައް ހޯދުމަށް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނާ ވަރަށް ގާތުން މަސައްކަތްކޮށްގެން ކަމަށެވެ.