މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރުތަކުން ސަލާމަތްވުމަށް ދައުލަތުގެ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.  

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ ރިޒާވް މުޅިން ހުސްނުވެ ބެހެއްޓުމަށް މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. 

ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ދަށްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ދައުލަތުގެ ރިޒާވުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ އިތުރުން އަންނަ މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ދިވެހި ދައުލަތުން ދައްކަން ޖެހެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ދަތިކަމެއް ނެތި އަންނަ މަހު ސްކޫކް އަނބުރާ ދެއްކޭނެ އެވެ. 

ޒަމީރު މިއަދު ވިދާޅުވީ ދައުލަތުގެ ރިޒާވް މުޅިން ހުސްނުވެ ބެހެއްޓުމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ އެކު ވަރަށް ކައިރިން މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށެވެ.  

"އެމްއެމްއޭ ގަވަނާއާ އެކު އަޅުގަނޑުމެން ވަރަށް ކައިރިން މަސައްކަތް ކުރަމުން މި ގެންދަނީ ރިޒާވް އޮޕްޓިމަމް ލެވަލްއެއްގައި މެއިންޓެއިން ކުރުމަށް. ތެލުގެ އަގު ބޮޑުވީމަ އާއި ރެވެނިއު ލޮސް އުޅޭތީވެ، މި އަންނަ އިމްޕެކްޓް ރަނގަޅަށް ހިފެހެއްޓުމަށްޓަކާ އަޅުގަނޑުމެން ފިޔަވަޅުތަކެއް އެބަ އަޅަން،" ޒަމީރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް. މިހާރު އިންޓަނޭޝަނަލް މަލްޓިލެޓްރަލް ދެ އެޖެންސީއަކާ އެކު މަސައްކަތް ކޮށްގެން އިއްޔެއާ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް."

ޒަމީރު ވިދާޅުވި ގޮތުގައި، އެއީ ތެލުގެ އަގުގެ ބޮޑުވާ އަދަދު ފައިނޭންސް ކުރުމަށް ހަމަޖައްސާ ފެސިލިޓީއެކެވެ. 

އޭނާ ވިދާޅުވީ އެކަމަށްޓަކައި ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށް ރައީސަށް ސިޓީއެއް މިއަދު ފޮނުއްވާފައިވާ ކަމަށެވެ. 

ނަމަވެސް، އެ ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ ކިހާ ވަރެއް ކަމާއި އެއީ ކިހާ މުއްދަތެއްގެ ފެސިލިޓީއެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. 

ޒަމީރު ވިދާޅުވީ ސަރުކާރުން ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް މަދުކުރުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް، އޭގެ ތަފުސީލަށް ވެސް ޒަމީރު ވަޑައިނުގަންނަވަ އެވެ. 

ޒަމީރު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކަންކަން މިހާރު ވެސް އިންތިޒާމު ކޮށްފައި އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. 

"ރައީސް ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވި ގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ރޭވިފައި ގޮސްފައި އެ ހުރީ، އިތުރަކަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުމެންނަށް މާދަމާ ސުކޫކް ދައްކަން ޖެހުން ކަމުގައި ވިޔަސް އަދި ރިޒާވްގައި ހަމަ ފައިސާ ހުރެފައި، އިރާދަކުރެއްވިއްޔާ ސުކޫކް ދެއްކޭ ގޮތަށް މިވަގުތު މިއޮތީ،" އޭނާ ވިދާޅުވި އެވެ. 

"އެކަމަކު، ކުރިމަތީ މިއޮތީ، އަޅުގަނޑު ދަރިފުޅު އަޅުގަނޑު ކައިރި ބުނިހެން ޝުޑް އައި ބީ ވޮރިޑް ހޭ؟ ދެން އަޅުގަނޑު ބުނިން ދަރިފުޅާއޭ ހަނގުރާމައެއް ފެށިއްޖެ ކަމަށް ވަންޏާ އަބަދުވެސް ވޮރީ ކުރަން ޖެހޭނެއޭ. އެކަމަކު އޭގެ މާނައަކީ ދިރިއުޅުން ހުއްޓާލައިގެނެއް ނުވާނެއޭ. އެ ވޮރީ މިޓިގޭޓްކުރަން އޭގައި ހުރި ކަންތައްތައް ވަރަށް ރަނގަޅަށް ކޮމިޓީން މަސައްކަތްކުރަމުން މި ދަނީ."