ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް، ބޭރުގައި ކާޑުގެ މުއާމަލާތްތައް ހިންގާ މައްސަލަ ހައްލުކުރަން އިމިގްރޭޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފިޔަވަޅުތަކެއް އަޅައިފި އެވެ.
ބީއެމްއެލްއިން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އާއި އިމިގްރޭޝަން އާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއެކު، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ކާޑުގެ ވެރިފަރާތާއި ނުލައި] ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި އަމިއްލަ ކާޑެއްނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެ ކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާކުދިންނަށް ދެވިފައިވާ ހާއްސަ ލިމިޓާ އެކު ދޫކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، މިކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ ކަމަށާއި، ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރާއިރު، މިކަމުގެ ސަބަބުން ވަރަށްގިނަ ޢަދަދަކަށް ބޭރު ފައިސާ ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށެވެ.
އެހެންކަމުން، ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ދިވެހިން އާންމުކޮށް ވިޔަފާރިކުރާ މަދު އީކޮމާސް ސައިޓުތަކުން ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކަން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން، އެއް ކްރެޑިޓު ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް، ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނަގައި ގޮތަށް ވެސް ބޭންކުން މިއަދު ވަނީ ހަމަޖައްސައިފަ އެވެ.