ދިވެހިން އާންމުކޮށް ވިޔަފާރިކުރާ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ލިމިޓުކޮށްފި އެވެ.
ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާ ކަމަށެވެ.
"އެހެންކަމުން ބޭންކުން ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށް،" ޝަރީފް ވިދާޅުވި އެވެ.
އެފަދަ ސައިޓުތަކަށް ޑޮލަރުން ކުރާ ހޭދަ ބޮޑުވެގެން، ބީއެމްއެލްއިން މީގެ ކުރިން ވަނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމައިފަ އެވެ.
ޝަރީފް ވިދާޅުވީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ބަޔަކަށް ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބީއެމްއެލް އިން ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާ ވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރު ވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ "ފޮރިން ސްޕެންޑް ލިމިޓް" ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.