އެމެޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފި އެވެ.

ބޭންކުގެ އޮފިޝަލަކު ވިދާޅުވީ އެ ސައިޓުތަކުގައި ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކާޑުގެ މުއާމަލާތްތައް އާންމުކޮށް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ދީފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން ކަމަށާއި ސައިޓް ބްލޮކްކޮށްފައިވާތީ ނޫން ކަމަށެވެ.

ބީއެމްއެލް އިން ވަނީ އެމެޒަން އަދި އަލީއެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ މަހުން ފެށިގެން މިއަދާ ހަމަޔަށް ކަސްޓަމަރުން މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސް ހިސާބު ވެސް ހާމަކޮށްފަ އެވެ.

މިދިޔަ މަހުގެ 1 އިން މި މަހުގެ 21ގެ ނިޔަލަށް އެމެޒަން އަދި އަލީއެކްސްޕްރެސްގައި ބީއެމްއެލް ކާޑުން  2.33 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް ބެންކުން ބުންޏެވެ. އެއީ 58،000 ވިޔަފާރި މުއާމަލާތެވެ.

ކަސްޓަމަރުން ކާޑުން ކުރަމުން އަންނަ މުއާމަލާތްތަކުން އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވަމުންދާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. އަދި ކަސްޓަމަރު ބޭންކަށް ދީފައިވާ މައުލޫމާތުގައި ބުނާ އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ވިޔަފާރި ބޭނުންތަކަށް މުދާ ގަތުމަށް ބޭންކުގެ ބިޒްނަސް ބޭންކިންގް ސޮލިއުޝަންތައް ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރި އެވެ. އެ ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ހާއްސަކޮށް ހަދާފައިވާ ހިދުމަތެއް ކަމަށް ވެސް ބެންކުން ބުންނެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ފާއިތުވި ތިން އަހަރު ވެސް ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރު ކާޑުން ކުރާ  މުއާމަލާތްތަކަށް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. 

ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފްސީލު:

ކާޑުން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު (އޭޓީއެމް، އީކޮމާސް އަދި ޕީއޯއެސް)

2023 ވަނަ އަހަރު: 311 މިލިއަން ޑޮލަރު 

2024 ވަނަ އަހަރު: 389 މިލިއަން ޑޮލަރު

2025 ވަނަ އަހަރު: 524 މިލިއަން ޑޮލަރު

2026 ޖެނުއަރީގެ ނިޔަލަށް: 59 މިލިއަން ޑޮލަރު

 ބީއެމްއެލް އިން ބުނި ގޮތުގައި މި އަދަދުތަކުގެ ގާތްގަނޑަކަށް 66 ޕަސެންޓު މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތަކެވެ.

ބޭންކުގެ އޮފިޝަލް ވިދާޅުވީ އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރާއިރު އެއާލައިން ޓިކެޓަށާއި ހޮޓަލަށާއި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސައިދެވިފައިވާ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

ނަމަވެސް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ނުވަތަ އެކައުންޓް، ވިޔަފާރީގެ އުސޫލުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރާ ހާލަތުގައި، ލިމިޓް ހަމަވެގެން މުއާމަލާތް ފުރިހަމަ ނުކުރެވި، ދަތިތަކާ ކުރިމަތި ވެދާނެކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މި މަހު ފުރަތަމަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް ވެސް އިތުރުކޮށްފަ އެވެ.

އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.