އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަހަށް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއާ ހޮސްޕިޓަލުން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

އެ ކެމްޕޭނުގެ ދަށުން އައިކެއާއިން ވަނީ "ބްރައިޓް އައިސް – ބޭސިކް" އަދި "ބްރައިޓް އައިސް – އެޑްވާންސް"ގެ ނަމުގައި ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އަދި އެ ޕެކޭޖްތަކުން އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

އައިކެއާއިން ތައާރަފްކުރި "ބްރައިޓް އައިސް – ބޭސިކް" ޕެކޭޖުން ލޮލުގެ ފެނުން ޓެސްޓު ކުރުމާއި ލޮލުގެ ނަންބަރު ބެލުމާއި ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި "ބްރައިޓް އައިސް – އެޑްވާންސް" ޕެކޭޖުން ލޮލުގެ ފެނުން ޓެސްޓް ކުރުމާއި ލޮލުގެ ނަންބަރު ބެލުމާއި ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުގެ އިތުރުން ކޯނިއަލް ޓޮޕޮގްރަފީ އާއި ފަންޑަސް ފޮޓޯގްރަފީގެ ހިދުމަތް ލިބޭނެ އެވެ. 

އައިކެއާއިން ބުނީ އެ ކެމްޕެއިނަކީ ކުޑަކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ.

އައިކެއާއިން ބުނީ މިހާރަކަށް އައިސް ކުޑަކުދިން ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ބުނެދޭން އުނދަގޫވާ ކަމަށާއި އޭގެ ސަބަބުން އުނގެނުމަށާއި ކަންކަމަށް ސަމާލުކަން ދިނުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް އައިކެއާއިން ބުންޏެވެ.

އައިކެއާއިން ބުނީ އެ ޕެކޭޖްތަކަކީ އެފަދަ ކަންކަމަށް ހައްލު ހޯދައި ދިނުމަށް ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕެކޭޖުތަކެއް ކަމަށެވެ. އަދި އެ ޕެކޭޖްތަކުގެ އެހީގައި ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ އަދި ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް ވެސް އައިކެއާއިން ބުންޏެވެ. 

އެ ޕެކޭޖުތަކަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ޕެކޭޖްތަކެކެވެ. އަދި އެއީ ލިމިޓަޑް ވަގުތަކަށް ކުރިއަށް ދާނެ އޮފާއެކެވެ. އަދި އެ އޮފާގެ ދަށުން އެ ޕެކޭޖުތަކުގެ ހިދުމަތް ހޯދުމަށް މިހާރު އައިކެއާއިން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.