ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ސަސްޕެންޑް ކުރަން އިނގިރޭސި ވިލާތުން ނިންމައިފި އެވެ.
ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގު ދަށްވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
އެ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތާ އެކު އެކި ސަރުކާރުތަކުން މަޝްވަރާ ކުރަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކި ފެންވަރުގައި އެ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް ކުރިއެރުމެއް ނެތެވެ.
އެކަމަކު، އިނގިރޭސި ވިލާތުގެ ނިންމުން މި ވަގުތަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ސަސްޕެންޑްކުރަން ކަނޑައެޅީ 2028 ވަނަ އަހަރާ ހަމައަށެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން އިނގިރޭސި ވިލާތުން ނަގަމުންދާ ޓެރިފް ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށެވެ.
"މިއީ އިނގިރޭސި ވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް. މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް އިނގިރޭސި ވިލާތުގެ ބާޒާރުގައި ފުޅާ ފުރުސަތުތަކެއް ފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިއީ ދިވެހިރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި ދެމެހެއްޓެނިވި ވިޔަފާރިއަށާއި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސްވެރިކަމެއް ކުރާ ގައުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަސްވެރިންނަށާއި ގައުމީ އިގްތިސާދަށް ލިބުނު މި ކުރިއެރުމަށް މަގުފަހިކޮށްދެއްވި އިނގިރޭސި ސަރުކާރަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސި ވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރެ އެވެ. ރާއްޖެއަކީ އިނގިރޭސި ވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ.
އިނގިރޭސި ވިލާތުން މިއަދު ނިންމި ނިންމުން ދާއިމީ ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވާނެ ކަމަށެވެ.
"ދުނިޔޭގެ ޕްރިމިއަމް ބާޒާރުތަކުގެ މިސްރާބު މިހާރު ބޮޑަށް ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަހުން އުފައްދާ މަހާއި މަހުގެ އަގުއެއްކުރި ބާވަތްތަކަށް. މިގޮތުން، އިނގިރޭސި ވިލާތަށް އެތެރެކުރާ ކަނޑުމަހުން ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން، ދިވެހި ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެ ބާޒާރުގައި ވާދަކުރުމުގެ ފުރިހަމަ އަދި ހަމަހަމަ ފުރުސަތެއް މިހާރު ވަނީ ފަހިވެފައި،" ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން ޑިއުޓީ ކަނޑާލުމަށް އިނގިރޭސި ވިލާތުން އެކި ޝަރުތައް ކުރަމުންދިޔަ އެވެ. މި ފަހަރުގެ ނިންމުން އައީ ކޮން ޝަރުތަކެއްގެ މަތީ ކަމެއް އަދި ނޭނގެ އެވެ.
ރާއްޖޭން ގެންދަނީ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު ވެސް ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެކަމުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖޭން ބައިވެރިވުމާ ގުޅިގެން، ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު ރައީސް މުއިއްޒު ވެސް މަޝްވަރާ ކުރެއްވި އެވެ.