މިދިޔަ އޭފްރީލް މަހު އެއާޕޯޓު ޑިވަލޮޕްމެންޓް ފީން ލިބުނު އާމްދަނީ 13 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓެކްސް އިދާރާ މީރާއިން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ މަހު ލިބުނީ 150 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަަހާ އަޅާބަލާއިރު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ މަހުގެ މާޗް މަހު އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ އާމްދަނީގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ އިތުރުން ޑިޕާޗާ ފީން ލިބުނު އާމްދަނީ ވެސް ވަނީ ގާތްގަނޑަކަށް 13 ޕަސެންޓަށް ދަށްވެފަ އެވެ. ޑިޕާޗާ ފީ އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ދަށްވެފައިވަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ދަށްވުމުގެ ސަބަބުންނެވެ.

މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް އެ ދެ ފީން ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސަރުކާރުން ވަނީ ޑިސެމްބަރު 2024، ގައި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ޑިޕާޗާ ފީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު ބަދަލުތަކެއް ގެނައީ ބިޒްނަސް އަދި ފަސްޓް ކްލާސް އިން ނަގާ ޓެކސް އަށެވެ. އެއީ 65-100 ޕަސެންޓަށް އިތުރުކުރުމެވެ.

މިވަގުތު ޑިޕާޗާ އަދި އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން 50 ޑޮލަރު ނަގަ އެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ދަތުރުވެރިންގެ އަތުން 120 ޑޮލަރު ނަގާ އިރު ފަސްޓް ކްލާހުން 240 ޑޮލަރު، ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ފަސިންޖަރުން އަތުން 480 ޑޮލަރު ނަގަ އެވެ. 

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަށް އިތުރުވާ އަދަދު ޖަމާކުރާނީ ރާއްޖޭގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ، ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށެވެ.