ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި  މުހިންމު މަސައްކަތެއް ކުރުމަށް އަންނަ ހޮނިހިރު ދުވަހު އިންޖީނުތައް ނިއްވާލާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

މި އިންޖީނުތައް ނިއްވާލި ނަމަވެސް ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއިން ހުޅުމާލެއަށް ކަރަންޓު ދޭނެ އެވެ. އަދި ލަފާކޮށްފައިވާ ވަރަށް ވުރެ އިތުރަށް އެ ވަގުތު ކަރަންޓު ލޯޑު ބޮޑު ނުވާ ނަމަ ކަރަންޓު ކަނޑާލަން ނުޖެހޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ މަސައްކަތް ކުރުމަށް އިންޖީނުތައް ނިއްވާލާނީ ހޮނިހިރު ދުވަހުގެ މެންދަމުންއަލިވެ 3:00 އިން ހެނދުނު 8:00 އެވެ.

މިކަމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވީ އިންޖީނުތައް ނިއްވާލަނީ މާލެ ސަރަހައްދަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އެ އިންޖީނުގޭގެ ޕަވަ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެންނަން ކަމަށެވެ.

"އެއީ އިންޖީނުތައް ޝަޓްޑައުން ކޮށްގެން ކުރަންޖެހޭ ކަމަކަށް ވާތީ ދުރާލައި ދުވަސް އަދި ވަގުތު ކަނޑައަޅައިގެން މި ކުރިއަށް ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންޖީނުތައް ނިއްވާލަން ހޮނިހިރު ދުވަހާއި އެ ވަގުތު ކަނޑައެޅި ސަބަބަކީ ކުރިއަށް އޮތީ ބޮޑު އީދު ބަންދަށް ވެފައި މާލެއިން ބޭރަށް ގިނަ މީހުން ފުރުމުން ކަރަންޓު ލޯޑު ކުޑަވާނެތީ އާއި ލޯޑު އެންމެ ދަށްވާނީ އެ ދުވަހުގެ ދަންވަރާއި ފަތިހު ކަމަށް ފާހަގަކުރެވުމުން ކަމަށް ވެސް އަޒްވަރު ވިދާޅުވި އެވެ.

އަޕްގްރޭޑިން މަސައްކަތް ކުރަނީ ބޭރުގެ ދެ އިންޖިނިއަރުންނާއި އޮންލައިންކޮށް ވެސް ބައެއް ގައުމުތަކުގެ އިންޖިނިއަރުން ބައިވެރިކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ އެ އަޕްގްރޭޑާ އެކު، އިންޖީނުގެ އަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމަށް ފުރުސަތު ލިބޭނެ ކަމަށާއި މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖެނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ބޭރުގެ އިންޖިނިއަރުންނާއެކު-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ބޭރުގެ އިންޖިނިއަރުންނާއެކު-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އިންޖީނުގެ ނިވާލާ ގޮތަށް މަސައްކަތް ފަށާނެ. ނިވާލިއެއް ކަމަކު މާލެ އާއި ހުޅުމާލޭގައި ބެހެއްޓިފައި ހުރި ހައި ސްޕޯޑްތަކުން ކަރަންޓު އުފައްދައި ފޯރުކޮށްދެވޭނެ މެދުނުކެނޑި. އަޅުގަނޑުމެން އެކްސްޕެކްޓް ކުރަނީ މާލެ އަދި ހުޅުމާލޭގެ މެގަވޮޓު 75 ކަމަށް ބޭނުންކުރާނީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "މި ހުރިހާ އިންޖީނެއް ނިއްވާލިޔަސް 90 މެގަވޮޓް އުފެއްދުމުގެ ގާބިލްކަން ހުންނާނެ" ކަމަށެވެ.

އެ އިންޖީނުގޭގައި ބޭނުންކުރާ ހަ ޖެންސެޓް ނިއްވާލި ނަމަވެސް ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ނާޝިދު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު، އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެ ނަމަ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި އެ ކުންފުނީގެ އިސް ވެރިން މިއަދު ހުޅުމާލެ 1 އިންޖީނު ގޭގެ ކޮންޓްރޯލް ރޫމުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި އެ ކުންފުނީގެ އިސް ވެރިން މިއަދު ހުޅުމާލެ 1 އިންޖީނު ގޭގެ ކޮންޓްރޯލް ރޫމުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގްބާލް ވިދާޅުވީ ގެންނަ އަޕްގްރޭޑްތަކުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ރަށެއްގެ ކަރަންޓު ގުޅުވައިދޭ "ސްކާޑާ" އާއި ޕީއެލްސީ އަޕްގްރޭޑިންއެއްގެ އިތުރުން ވެސް ކުރަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށެވެ.

އެ މަސައްކަތަކީ ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާ އެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މައުލޫމާތު ސޯޝަލް މީޑިއާގައި ވަގުތުން ހިއްސާކުރަމުން ދާނެ ކަމަށެވެ.