މި މަހު އެކަނި ބެލިޔަސް ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ދެ ފަހަރަށް ކެނޑުނީ ބިމު އަޑީގައި ވަޅުލާފައިވާ ކަރަންޓު ކޭބަލަށް ގެއްލުންތަކެއް ލިބިގެންނެވެ. އެންމެ ފަހުން އިއްޔެގެ މެންދުރުފަހު 2:30 އިން ފެށިގެން ހަވީރު ހައެއް ޖަހަންދެން ކަރަންޓު ނެތިގެން އެތައް އާއިލާއަކަށް އުނދަގުލާ ކުރިމަތިލާން ޖެހުނީ މަގު ހެދުމުގެ މަސައްކަތަށް މަގު ކޮނުނު ބައެއްގެ އިހުމާލުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ބަލަންވާ ވަރަށް ނުބެލުމުންނެވެ.
މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި 10 ގަޑިއިރު ވަންދެން ކަރަންޓާ ނުލައި އުޅެން ޖެހުނީ ވެސް މަގު ކޮނުނު މީހުންގެ ބޮޑެތި އިހުމާލުތަކަކާ ހެދި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ރޭ ނެރުނުނު ނޫސްބަޔާނުގައިވާ ގޮތުން އެ ފަހަރު މައި ކޭބަލަށް ލިބުނު ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަ" ބޭނުންކޮށްގެން ކުރި މަސައްކަތުން، އެ ކޭބަލްގެ އެހެން ބަޔަކަށް ވެސް ކުރިން ގެއްލުން ވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެ ކޭބަލަށް ކުރިން ލިބުނު ގެއްލުން ވެސް މަގު ކޮނުނު ފަރާތުން ސްޓެލްކޯ އަށް ރިޕޯޓެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ސްޓެލްކޯ އިން ބުނި ގޮތުގައި ކޭބަލްގައި ޓޭޕް އޮޅައި އެކަން އޮތީ ސިއްރުކޮށްފަ އެވެ. މައްސަލަ ފަޅާއެރީ އޭގެ ފަހުން ވެސް މައި ކޭބަލަށް ގެއްލުން ލިބިގެން އެކަން ދެނެގަތުމަށް ސްޓެލްކޯ އިން ކުރި މަސައްކަތުންނެވެ.
މަގު ކޮންނަ ކޮންމެ ފަހަރަކު ކަރަންޓު ކޭބަލަށް ގެއްލުންވެ، ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން އެތައް އިރެއް ވަންދެން ކަރަންޓު ކެނޑުން އާންމު ކަމަކަށް ވުމަކީ މައްސަލައެކެވެ. މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކޭބަލަށް ލިބުނު ގެއްލުން އެއްކޮށް ހައްލުކޮށް، ހުރިހާ ފްލެޓަކަށް ކަރަންޓު ދެވޭވަރުވީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރު އެވެ. އެތައް ބަޔަކު ކަނުއަނދިރީގައި އެތައް ވަގުތެއް ހޭދަކުރި އެވެ. އާންމު ވިޔަފާރިތަކަށް ބުރޫއަރައި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.
ސްޓެލްކޯ އިން ބުނާ ގޮތުގައި ކަރަންޓު ކޭބަލް ވަޅުލާފައި ހުންނާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. ކޭބަލް ވަޅުލާފައިވާ ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓުތައް ވެސް މަގު ކޮންނަ ބަޔަކަށް ފެންނާނެ އެވެ.
"އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށް ވުރެ ބޮޑަށް ސަމާލުކަންދީފި ނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ ކަމަށް ގަބޫލުކުރަމެވެ. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެ ނޫން ގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެކަން މި ކުންފުންޏަށް އެންގުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެކެވެ،" މަގު ކޮނުނު ބައެއްގެ އިހުމާލުން ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން އިއްޔެ ހަވީރު ކަރަންޓު ކެނޑުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ސްޓެލްކޯއިން ނެރުނު ބަޔާނުގައި ވެ އެވެ.
ސްޓެލްކޯ އިން ބުނީ، މައި ކޭބަލަށް ގެއްލުން ލިބުމާ ގުޅިގެން އެ ކުންފުނިން ވާނީ ހުޅުމާލެ 2 ގެ ކަރަންޓުގެ ވިއުގަ ބަލަހައްޓާ އެޗްޑީސީއާ އެކު ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ. އަދި އާންމުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާއި ދަތިތަކެއް ކުރިމަތިވެ، އަސާސީ ހިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާތީ މި ކުންފުނިން ހިތާމަކުރަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ވެ އެވެ.
އެކިއެކި ބޭނުންތަކަށް މަގު ކޮނުމުގެ މަސައްކަތުގައި މުޅިން ކަހަލަ ގޮތަކަށް ހަރަކާތްތެރިވަނީ ބިދޭސީން ކަމަށް ވާއިރު ބަލަންޖެޭ ވަރަށް ނުބެލުމާއި މައުލޫމާތު ނޭނގުން ފަދަ އެތައް ކަމެއް ފާހަގަ ކުރެވެ އެވެ.
"ވަކި ގޮތަކަށް ބެލުމެއް ނެތި ފަށައިގަންނަނީ މަގު ކޮންނަން. އަޑީގައި ހުންނަ ކޭބަލެއް އެހެން އެއްޗަކަށް ބެލުމެއް ނޯވޭ. އަޅުގަނޑަށް ހީވަނީ މިކަން ހައްލު ކުރެވޭނީ މަގު ކޮންނަ މީހުންގެ ފަރާތުން މިފަދަ ކަމެއް ދިމާވީމާ ފިޔަވަޅު އެޅޭނެ މެކޭނިޒަމެއް ވެސް ރޭވިގެންހެން. އެހެން ނޫނީ މިކަން މިދަނީ އާންމު ކަމަކަށް ބަދަލުވަމުން،" ވިނަރެސް ފްލެޓުގައި އުޅޭ މީހަކު ބުންޏެވެ.
ސްޓެލްކޯ އިން އެދުނީ މަގު ކޮނުމުގެ މަސައްކަތް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގާތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ.
މަގު ކޮންނަ އާންމުންނާއި ކުންފުނިތަކާއި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް މި ސްޓެލްކޯ އިން އިލްތިމާސް ކުރި އެވެ.