ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 18.50ރ. އަށް މިއަދު މަތިކޮށްފި އެވެ. 

މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް "މިހާރު"އަށް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މިއަދުން ފެށިގެން މަސް ގަންނާނީ 18.50ރ. އަށް ކަމަށެވެ. އަދި މަސް ގަންނަން ލިބޭ އަދަދަށް ބަލައި އަގު މަތިކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއީ މާކެޓުގައި އަގު ހުރި ވަރަށް ބަލައިގެން ގެނައި ބަދަލެއް ކަމަށާއި އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކަޅުބިލަ މަސް ގަންނަ އަގު 20ރ. އަށް މަތިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަނަސް ވިދާޅުވި ގޮތުގައި، 18.50ރ. އަކީ މިހާރު ޕްރައިވެޓް ކުންފުނިތަކުން ވެސް މަސް ގަންނަމުން އަންނަ އަގެވެ.

މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅު ވެސް 18.50ރ. އަށް މަސް ގަތެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާ އެކު، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުން، މަސް ގަންނަ އަގު ދަށްކުރި އެވެ.

އޭގެ ފަހުން ކަޅުބިލަ މަހުގެ ކިލޯއެއް ގަންނަމުން އައީ 17ރ. އަށެވެ. 

އެންވެރިކަން ތަދު ދުވަސްވަރަކަށް ވާތީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ވަނީ ގޮސްފަ އެވެ. 

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މިއަދު މަތިކުރި ނަމަވެސް، ކަންނެލި މަސް ގަންނަ އަގު ހުރީ ހަމަ އެއްވަރެއްގައި ހިފަހައްޓައިފަ އެވެ. އެއީ 10-15 ކިލޯގެ ކަންނެލި 20ރ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25ރ. އަށެވެ.