މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި ދިރާގުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، 'ޕިޗް ފޯ ޕާޕަސް'ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.
'ޕިޗް ފޯ ޕާޕަސް' އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުން އެންމެ ބޭނުންވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
'ޕިޗް ފޯ ޕާޕަސް' މެދުވެރިކޮށް، މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ ހިޔާލުތަކާއި، އެންމެ ބޭނުންވާ ކަންކަން ހުށަހަޅައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޮތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ލިބޭނެ އެވެ.
ދިރާގުގެ މި ހާއްސަ ޕްލެޓްފޯމް އިފްތިތާހްކުރީ ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި މި ޕްރޮގްރާމާ ބެހޭ މުހިންމު މައުލޫމާތު ހިއްސާކޮށް، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތްތައް ވަނީ ހިއްސާކޮށްފަ އެވެ.
ދިރާގުގެ މުވައްޒަފުންނަކީ އިޖުތިމާއީ އެކި ހަރަކާތްތަކުގައި ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. އެގޮތުން، ތިމާވެށި ރައްކާތެރިކުރުމާއި، މެންޓަރިން ޕްރޮގްރާމާއި، ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކުގެ އިތުރުން މުޖުތަމައުގެ ކުރިއެރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ވޮލަންޓިއަރުން ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަމުންދާކަން ފާހަގަކުރި އެވެ.
ދިރާގުން ބުނީ 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމާއި އެކު އެ ކުންފުނީގެ މުވައްޒަފުންނަށް މުޖުތަމައަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމުން ފެށިގެން، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ހިޔާލު ހުށަހަޅައި، ޕްރޮގްރާމް ރާވައި، އަމަލީގޮތުން އިޖުތިމާއީ ކަންކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އަދި މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުވެ، އިޖުތިމާއީ ކަންކަމާއި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވާނެ ކަމަށް ވެސް ބުންޏެވެ.
ދިރާގުން ބުނީ 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ހިޔާލާއި، ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބޭރުން މުވައްޒަފުން ބޭނުންވާ، މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެ، އަގުހުރި ތަޖުރިބާތަކެއް ލިބޭނެ ކަމަށް ބުންޏެވެ.
'ޕިޗް ފޯ ޕާޕަސް'ގެ ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮޕޯޒަލްތަކާ އެކު މުވައްޒަފުންގެ ހިޔާލާ އެކު މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ މުހިންމު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ މުވައްޒަފުންނަކީ އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް އިތުރަށް ހިތްވަރުދީ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުމާއި މަސައްކަތުގެ ރޫހު ވަރުގަދަކުރުމަކީ އެ ކުންފުނިން އިސްކަން ދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެ އެވެ. މިއީ މުޖުތަމައުތައް ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް އިތުރު ފައިދާހޯދައިދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު އިސްނެގުމެއް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.