މިހާރު ކުރިއަށް ދާ ވޯލްޑް ކަޕްގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ފަށައިފި އެވެ.

"ގެސް ދަ ސްކޯ"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން މެޗުތަކުގެ ނަތީޖާ ދިމާކޮށް، ޕޮއިންޓް ހޯދައިގެން ލީޑަބޯޑުގެ ކުރިއަށް އެރުމަށް ވާދަ ކުރެވޭނެ އެވެ. އަދި ލީޑަބޯޑުގެ އެންމެ މަތީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އިނާމުތަކުގެ ތެރޭގައި "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް" އެއް ހިމެނެ އެވެ. އެއީ މިނީސޯ އިން ހުށަހަޅާފައިވާ ހާއްސަ އިނާމެކެވެ. އަދި "ޓީޓީ ރޭސިން" ގޭމިންގް ޗެއާ އާއި އިތުރު އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. 

އެ ޕްރޮމޯޝަނުގައި ބޮޑެތި އިނާމުތަކުގެ އިތުރުން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑީޖީޖީގެ ވެބްސައިޓުގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން ގުޅުން ބަދަހިކުރުމަށް އެކި ހަރަކާތްތައް ހިންގައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.