ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި "އިންވެސްޓްމެންޓް" ޕޯޓަލް އަށް ތަރުހީބު ރަނގަޅު ކަމަށާއި، ކޮންމެ ދުވަހެއްގެ ލިމިޓް މިހާރު އިތުރުވަނީ، އެ ލިބޭ ޑޮލަރުގެ އަދަދަށް ބަލާފައި ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޝަރީފު ވިދާޅުވީ، އީކޮމާސް ވެބްސައިޓްތަކުގެ ލިމިޓް، ފަތިސް ވާއިރު ހަމަވެ، ބޭނުން ނުކުރެވުނަސް، މިހާރު އެއަށް ވުރެ ފަހުން ވެސް އެ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ ކަމަށް ކަސްޓަމަރުން ވެސް ފާހަގަކުރާ ކަމަށެވެ. އެކަން އެވަނީ ބޭންކަށް ވަންނަ ޑޮލަރަށް ބަލާފައި ކަމަށެވެ.

އެފަދަ ޕޯޓަލްއެއްގެ ފައިދާ ދެނެގަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި އެކަމަކު މިހާރު ވެސް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ވަރަށް ހެނދުނާ ލިމިޓް ޖެހިފައި، މިހާރު ކަސްޓަމަރުން ވެސް ފާހަގަކުރޭ ދުވާލުގެ ގިނަ ދުވަހު ޓްރާންސެކްޝަން ހެދޭ. އެއިން އެނގެނީ އިންވެސްޓްމެންޓްގެ ސަބަބުން ކޮންމެވެސް ވަރަކަށް ފައިދާ ކުރަމުންދާތަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޮޑު އަގުގައި ޑޮލަރު ގަނެ ވިއްކުމަކީ، ބޭންކްގެ މަގްސަދު ނޫން ކަމަށެވެ. އިތުރު ހަރަދެއް ކޮށްގެން ޑޮލަރު ހޯދަން ނިންމީ ވެސް، އީ-ކޮމާސް ވެބްސައިޓްތަކުން ވިޔަފާރިކުރަން އާންމުންނަށް އެހީވުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ރަސްމީ ރޭޓުގައި ބޭންކުން ޑޮލަރު ގަންނަމުން މީހުން ދިޔަ ކަމަށާއި އިތުރު ފީއެއް ލުމުން ޑޮލަރު ލިބޭ ވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކަޅު ބަޒާރުގެ ރޭޓުގައެއް ނޫން މިކަން ކުރަނީ. ބޭންކްތަކުގެ ވިޔަފާރި ކުރަނީ އެހެން މީހުންގެ ފައިސާއިން ކުރާ ކަންކަން. ބޭންކިންގެ ނިސްބަތުން މިއީ ހަމަ ރަނގަޅު ޕްރޮޑަކްޓެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މަގްސަދަކީ ފަސޭހަ ކަމާ އެކު އޮންލައިން ވެބްސައިޓުތަކުން ވެސް ވިޔަފާރިކުރެވޭނެ ގޮތް ހެދުން ކަމަށާއި މިއީ މެދުނުކެޑި އެހިދުމަތް ދޭން ބޭންކުން ކުރާ މަސައްކަތެއް ކަމަށެވެ.

"ޒިންމާދާރުވާންނީ އެންމެންވެސް. އެންމެ އަގު ހެޔޮކޮށް އެ މީހަކު ބޭނުންވާ އެއްޗެއް ހޯދުމަކީ އެމީހެއްގެ ހައްގެއް. އެންމެ ބޭނުންތެރިގޮތަށްތޯ މި ފައިސާ ބޭނުން ކުރަނީ. މިކަންކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އީކޮމާސް ލިމިޓުގައި އަދިވެސް އޮތީ 250 ޑޮލަރު ކަމަށާއި، އެ ލިމިޓް ކުޑަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެވްރެޖްކޮށް  މަހަކު ކަސްޓަމަރުން މި ބޭނުން ކުރަނީ ވެސް 145 ޑޮލަރު ކަމަށާއި ބޭންކަށް ބާރު ބޮޑުވަނީ 250،000 އާއި 300،000 އާ ދެމެދުގެ ކަސްޓަމަރުން އެ އަދަދަށް ޑޮލަރު ބޭނުން ކުރާތީ ކަމަށެވެ.