ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަކާޑު ގުޅިގެން 100,000ރ. ގެ ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ބީއެމްއެލް މާސްޓަކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓްގޭޓްވޭ މެދުވެރިކޮށް، މާސްޓަކާޑު ބޭނުންކޮށްގެން މަދުވެގެން 200ރ.ގެ މުއާމަލާތް ކޮށްގެންނެވެ.
ބީއެމްއެލްއިން ބުނީ ގިނައިން ފައިސާގެ މުއާމަލާތް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށެެވެ. އެގޮތުން ހަފުތާއަކު 1,000ރ. ހަރަދު ކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެ އެވެ. އަދި މަހެއްގެ ތެރޭގައި 5,000ރ. ހަރަދު ކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، 10,000ރ. ގެ ފައިސާގެ އިނާމެއް އެ ފަރާތްތަކުގެ ބީއެމްއެލްގެ އެކައުންޓަށް ޖަމާކުރާނެ އެވެ.
ބީއެމްއެލް މާސްޓަކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުން ކުރެވޭނެ ކާޑެކެވެ. އެގޮތުން ރާއްޖޭގައި އެ ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރ. އާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރު (24،000 އަށް ވުރެ ގިނަ ރުފިޔާ) ހަމައަށް ފައިސާ ނެގޭނެ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އަދި އެ ބޭންކުން ދޫކުރާ މާސްޓަކާޑު ޑެބިޓާއި ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ރައްކާތެރި އަދި ފަސޭހަ ޕޭމަންޓްތަކެއް ހެދުމުގެ އިތުރުން އިނާމުތަކާއި ހާއްސަ ފުރުސަތުތައް ލިބިދޭ ކާޑެކެވެ.