ކާބޯތަކެތީގެ އަގުހެޔޮކުރުމާއި ކަރަންޓް އަގުހެޔޮކުރުމަށް ސަރުކާރުން ދޭ އެހީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބަޖެޓްގެ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ބަޖެޓްގެ ބަޔާނުގައިވާ ގޮތުން ކާބޯތަކެތި އަގުހެޔޮކުރުމަށް ކުރި ހޭދަ ވަނީ 300 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ކަރަންޓް އަގުހެޔޮކުރުމަށް ސަރުކާރުން ދިން އެހީ ވަނީ 120 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރި އިރު ކާބޯތަކެތި އަގުހެޔޮކުރުމަށް ވަނީ 93 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. އެކަމަކު އަހަރު ނިމުނު އިރު ވަނީ އެކަމަށް 384 މިލިއަން ރުފިޔާ ހޭދަވެފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވުމާ ގުޅިގެން ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ ތަކެތި އިތުރުކޮށްފަ އެވެ.
އެސްޓީއޯއިން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއް ވިއްކަން ފަށައިފަ އެވެ. އޭގެތެރޭގައި 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިސް ހިމެނެ އެވެ.
އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ. އެސްޓީއޯއިން ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.
މިދިޔަ އަހަރު ބަޖެޓުގައި ކަރަންޓް އަގުހެޔޮކުރުމަށް ބަޖެޓްކޮށްފައިވަނީ 379 މިލިއަން ރުފިޔާ އެވެ. އެކަމަކު އަހަރު ނިމުނު އިރު ވަނީ 834 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކަރަންޓް އަގުހެޔޮކުރުމަށް ސަރުކާރުން އެހީ ދެނީ ފެނަކަ އާއި ސްޓެލްކޯ މެދުވެރިކޮށެވެ.
މިދިޔަ އަހަރު ތެލަށް ކުރި ހޭދަ ވެސް ވަނީ ބަޖެޓްކުރި ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރު ތެޔޮ އެތެރެކުރުމަށް ދައުލަތުން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.