އިންޑިއާއާ އެކު ރާއްޖެ އިން ހަދާ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ގައުމުގެ ކަމާ ގުޅޭ އިސްވެރިންނާއެކު މަޝްވަރާތައް ފަށައިފި އެވެ.
އިންޑިއާގެ ކޮމާސް މިނިސްޓަރު ޝްރީ ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުގައި ވަނީ މިހާރު މަޝްވަރާ ކުރަމުންދާ އެފްޓީއޭއާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
ސައީދާއި އިންޑިއާގެ ކޮމާސް މިނިސްޓަރު ވަނީ އެގްރީމެންޓާ ގުޅޭ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތްތަކެއް ހިމެނުމަ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެފްޓީއޭއާ އެކު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް، ވިޔަފާރި ކުރުމަށް ހުރި ގޮންޖެހުންތަކަށް އިތުރު ލުއިތަކެއް ހޯދޭނެ އެވެ.
މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އަލުން އެފްޓީއޭއެއް އެކުލަވާލުމަށްޓަކައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެ ދަތުރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އާ ދާއިރާތަކުން އިތުރު ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ޕްލޭން ކޮށްފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފްޓީއޭގެ މަޝްވަރާތައް ކުރާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ފަށައިފަ އެވެ.