ރާއްޖެ އާއި ތުރުކީއާ ދެމެދު ހެދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ، މިއަދު ފެށިގެން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ. 

މިކަމާ ގުޅޭ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ނޮވެމްބަރު 2024 ވަނަ އަހަރު އެވެ. އެއަށް ފަހު އެގްރީމެންޓްގައި ހިމަނާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ފެށި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި މި އެގްރީމެންޓްގެ ދަށުން 75 ބާވަތެއްގެ މުދަލުން ނަގާ ޓެރިފްތައް ކުޑަވެގެންދާނެ އެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތައް ތުރުކީއަށް ފޮނުވަން ފަސޭހަތައް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމާ އެކު، މަހުގެ ބައެއް ބާވަތްތައް ޓެރިފަކާ ނުލައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. 

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އިތުރު އިގްތިސާދީ ގުޅުންތައް ގާއިމް ކުރައްވާނެ ކަމަށެވެ. 

ތުރުކީއަކީ ވެރިކަމާ ހަވާލުވެ، ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމެވެ. އެ ދަތުރުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާތައް ވެސް ފެއްޓެވި އެވެ.

ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ. އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާ އެކު ވެސް އެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.